ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައިސުލްޖުމްހޫރިއްޔާ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

ރައިސުލްޖުމްހޫރިއްޔާ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައިފި

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވައިލައްވައި، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް ވާދަކުރި ފައިނަލް މެޗު 1-1 ދެ ޓީމް އެއްވަރުވެގެން ފުރިހަމަ ވަގުތުގެ ކުޅުންހަމަވިއިރު މުބާރާތުގެ ޗެމްޕިއަންޓީމް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާގެ މައްޗަށް ކުރި ހޯދާ އޮޑި ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، މެޑަލް ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ޠާރިޤުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަބްދުﷲ ނާސިރު ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕެނަލްޓީ ޝޫޓް އައުޓްގައި މާޒިޔާގެ 3 ޕެނަލްޓީ މަތަކޮށް އޮޑިއަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޓީމުގެ ގޯލްކީޕަރު މުގައްމަދު ޝަފީއުއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދީ އޮޑި ސްޕޯޓްސް ކްލަބްގެ ޒުވާން ފޯވާޑް އަހުޒަމް ރަޝީދެވެ.

މިއީ މުބާރާތުގައި އޮޑި ސްޕޯޓްސް ކްލަބުން ވާދަކުރި ފުރަތަމަ ފަހަރު އަދި ފުރަތަމަ ޑިވިޝަންގައިވެސް ކުޅޭ ފުރަތަމަަ ސީޒަންގައި އޮޑިން މިވަނީ ފުރަތަމަ ތަށި އުފުލާލާފައެވެ.

މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 70 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.