ޕެނަލްޓީގައި މާޒިޔާ ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮޑިން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ.
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ދެވަނަ ހޯދި އޮޑި ސްޕޯޓްސް ކުލަބު މި މުބާރާތުގައި ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލަށް އޮޑި ދަތުރުކުރީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ. އަދި މާޒިޔާ އިން ވަނީ ސެމީ ގައި ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
Ads by BMLގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާޒިޔާއިންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓު ތެރޭ ހުސައިން ސިފާއު ޔޫސުފް (ކުރޯ) ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. ނަމަވެސް، އޭގެ 11 މިނެޓު ފަހުން މާޒިޔާގެ އޭރިއާ ތެރެއިން އޮޑިގެ އަހުޒަމް ރަޝީދު (އަހު) ދިން ޕާހަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ކިއާނޫ ވަނީ ލަނޑު ޖަހައި އޮޑިއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ކުރިޔަށް ޖެހިގެން ކުޅުނު އޮޑިއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް، ފުރުސަތު ތަކުގެ ބޭނުން ނުހިފުމާއެކު މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.
ކޮންމެ ޓީމަކުންވެސް ހަތް ޕެނަލްޓީ ޖެހިއިރު، އޮޑިން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. މާޒިޔާއަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މާޒިޔާ އިން ޖެހި ތިން ޕެނަލްޓީ މަތަކޮށް، އޮޑިއަށް ތަށި ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ކީޕަރު ޝަފީއު އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ޒުވާން ފޯވާޑް އަހުޒަމް ރަޝީދު (އަހު) އެވެ.
Ads by MACL
