ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން ދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: އިޙުސާން

ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން

ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން މަންފާ ހޯދާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައިވާއިރު، ވަޒީރު ޢަލީ އިޙްސާން ވަނީ ފުވައްމުލަކުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ކާމިޔާބީ ފާހަގަކުރައްވައި ވާހަކަދައްކަވާފަ އެވެ.

އެގޮތުން ފުވައްލުކުގައި ޑްރަގް ނެޓްވޯކަށް ނިސްބަތްވާ މީހަކަށް، އެކަން ސާބިތުވެ 75 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅުވައި ވަޒީރު ވިދާޅުވީ މިގޮތަށް ޑްރަގްގެ ވިޔަފާރިކޮށް ދިވެހި ޒުވާން ޖީލުތައް ފަނާކޮށް އާއިލާތައް ބިކަކުރަމުން، އެއިން ވިޔަފާރި މަންފާ ހޯދާ ބަޔަކަށް އަދުގެ ސަރުކާރުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި 75 އަހަރުގެ ޖަުލހުކުމް އިއްވި އުމުރުން 28 އަހުގެ ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.

2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހު އެވެ. މަސްތުވާތަކެތީގެ ޓްރެފިކް ދަޢުވާ ސާބިތުވެ އޭނާގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ވަޒީރު ވަނީ މި އޮޕަރޭޝަން އަދި ތަހުގީގުގެ މަސައްކަތްކުރެއްވި އެންމެހާ ފުލުހުންނާ ޕްރޮސެކިއުޓަރުންގެ މަސައްކަތް ފާހަގަކުރައްވައި ވާހަކަދައްކަވާފަ އެވެ.

ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެ އެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުން ހުއްޓުވުމުގައި ގިނަ ކާމިޔާވީތަކެއް ހޯދަމުންދާއިރު މަސްތުވާތަކެތީގައި ވިޔަފާރީގާއި ޝާމިލުވާ މީހުންނަށް ހަރުކަށި އަދަބު ދަނީ ކަނޑައަޅަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް، މަރުގެ އަދަބު އެފަދަ މީހުންނަށްދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު މަސްތުވާތަކެއްޗާ ގުޅޭ 600އަށްވުރެ ގިނަ މައްސަލަ ތަޙުޤީގުކުރަމުން ދިޔައިރު، 335 މައްސަލަ ޕީޖީއަށް ފޮނުވާފަވެ އެވެ. އަދި މަސްތުވާތެކެތި ކަރޓެލްގެގެ ގޮތުގައި ހިންގާ 11 ތަނެއް ބަންދުކޮށްފަވެ އެވެ. މިދިޔަ އަހަރު 500 ކިލޯއެއްހާ މަސްތުވާތަކެތި، އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވެ އެވެ.