ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެޕްސްޓީންއާއި އޮތް ގުޅުމުގެ މައްސަލައިގައި ބިލް ގޭޓްސް މާފަށް އެދިއްޖެ

އެޕްސްޓީން އާއި ބިލް ގޭޓްސް. ފޮޓޯ: އެކްސް
އެޕްސްޓީން އާއި ބިލް ގޭޓްސް. ފޮޓޯ: އެކްސް

ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު ޝަޚްސިއްޔަތު ބިލް ގޭޓްސް، މުޅި ދުނިޔެ މުޖުރިމެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެންމެ ބޮޑު ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމުގެ ސަބަބުން ގޭޓްސް ފައުންޑޭޝަނުގެ މުވައްޒަފުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

ގޭޓްސް ފައުންޑޭޝަނުގެ މުވައްޒަފުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން ބިލް ގޭޓްސް ވިދާޅުވީ އެޕްސްޓީން އާއި ބައިވެރިވެގެން އެއްވެސް ޣައިރު ގާނޫނީ ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ބޭއްވި 'ޓައުން ހޯލް' ބައްދަލުވުމެއްގައި މައިކްރޯސޮފްޓްގެ ކޯ-ފައުންޑަރ ވަނީ ރަޝިޔާގެ ދެ އަންހެނަކާއެކު ސިއްރު ގުޅުންތަކެއް ބޭއްވި ކަމަށް އެއްބަސްވެފަ އެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ މުހިންމު މަސައްކަތްތަކަށް ހިޔަނި އެޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދާދިފަހުން އާންމުކުރި 'އެޕްސްޓީން ފައިލްސް' ތަކުގައި ގޭޓްސްގެ ނަން ހިމެނިފައިވަނީ ގިނަ އަދަދެއްގެ މަޝްހޫރު މީހުންނާއި ސިޔާސީ ވެރިންނާ އެކުގަ އެވެ. ގޭޓްސް ވިދާޅުވި ގޮތުގައި އެޕްސްޓީންއާ އެކު ވަގުތު ހޭދަކުރުމަކީ ހެދިފައިވާ ވަރަށް ބޮޑު ގޯހެކެވެ.

"އެޕްސްޓީން އާއި ބައިވެރިވެ، އަހަރެން އެއްވެސް ޣައިރު ގާނޫނީ ކަމެއް ނުކުރަން، އަދި އެފަދަ ކަމެއް ފެނިފައެއްވެސް ނެތް،" ބިލް ގޭޓްސް ކަމަށް ރެކޯޑިންގްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ އާންމުވެފައިވާ ފޮޓޯތަކުގައި ފެންނަ އަންހެނުންނަކީ އެޕްސްޓީންގެ އެހީތެރިން ކަމަށާއި، އެއީ އެޕްސްޓީން އެދިގެން ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

އެޕްސްޓީންއަކީ 2008 ވަނަ އަހަރު ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ކުށްވެރިވެފައިވާ މީހެއް ނަމަވެސް، ގޭޓްސް އޭނާއާ ބައްދަލުކުރަން ފެށީ 2011 ވަނަ އަހަރުގަ އެވެ. ގޭޓްސް އިއުތިރާފުވެވަޑައިގަތް ގޮތުގައި އޭނާ އެޕްސްޓީންގެ ކަންކަން އެހާ ރަނގަޅަށް ބަލާފައެއް ނުވެއެވެ. އަދި 2013 ވަނަ އަހަރު އޭނާގެ ކުރީގެ އަނބިކަނބަލުން މެލިންޑާ ފްރެންޗް ގޭޓްސް މިކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުން ވެސް، 2014 ވަނަ އަހަރާ ހަމައަށް އެޕްސްޓީންއާ ބައްދަލުކުރައްވަމުން ގެންދެވި ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ގޭޓްސް ވަނީ އެޕްސްޓީންގެ އަމިއްލަ ޖެޓުގައި ދަތުރުކުރި ކަމަށާއި ޖަރުމަނާއި ފްރާންސް ފަދަ ގައުމުތަކުގައި އޭނާއާ ބައްދަލުކުރި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެޕްސްޓީންގެ އަމިއްލަ ރަށަށް ޒިޔާރަތް ނުކުރައްވާ ކަމަށާއި، ރޭގަނޑު މަޑުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. މި މައްސަލައިގެ ސަބަބުން ފައުންޑޭޝަނުގެ އަބުރަށް ލިބުނު ގެއްލުމަށްޓަކައި އޭނާ ވަނީ ހިތާމަފާޅުކުރައްވާފަ އެވެ.

ނިންމަވާލައްވަމުން ގޭޓްސް ވިދާޅުވީ މި ހުރިހާ ކަމަކީވެސް ފައުންޑޭޝަނުގެ މަގްސަދުތަކާއި އުސޫލުތަކާ މުޅިން ޚިލާފު ކަންތައްތަކެއް ކަމަށެވެ. އަދި ފައުންޑޭޝަނުގެ މަސައްކަތަކީ އިތުބާރާއި އަބުރުގެ މައްޗަށް ބިނާވެފައިވާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.