ޕީއެންސީ ދޮރުން ދޮރަށް ހަރަކާތް: މާފަންނު މެދު ދާއިރާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން ހޫރު މަރްޙަބާއެއް
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މިއަދު މާފަންނު މެދު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތުމުން އެ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު މާފަންނު މެދު ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެ ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި، އެ ބޭފުޅުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ތިއްބެވެ. ރައީސް ވަނީ އެ ސަރަހައްދަށް އެއްވެ ތިބި އެންމެންނާ ސަލާންކުރައްވައި، މީހުންގެ ހާލު ބައްލަވައި، އެމީހުންގެ ހިޔާލުތައް އަޑުއެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.
Ads by BMLމި ޒިޔާރަތުގައި ގެއިން ގެއަށް ވަޑައިގެންނެވި މަގުމަތީގައި ބައްދަލުވި ރައްޔިތުންނާ ވެސް ރައީސް ވަނީ ސަލާންކުރައްވައި ވާހަކަދައްކަވާފައެވެ. އަދި އެމަނިކުފާނާ ވާހަކަދައްކަން ބޭނުންވި އާންމުންނަށް އެ ފުރުސަތު ދެއްވައި، މަގުމަތިން ބައްދަލުވި ގިނަ ބައެއްގެ ހިޔާލު ހޯއްދަވައި ހާލު ބެއްލެވިއެވެ.
ރައީސްގެ މި ޒިޔާރަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މާފަންނު މެދު ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ޒިޔާރަތެކެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ކޮންމެ ހަފުތާއަކު މާލޭގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވި ފަދައިން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރައީސް ޑރ. މުޢިއްޒު ގެންދަވަނީ އެކި ގޮތްގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށާއި ހާލު ބެއްލެވުމަށް މިފަދަ ހަރަކާތްތައް ހިންގަވަމުންނެވެ.
Ads by MACL
