ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާޒާރުގައި ބޮޑު އަގުގައި ވިއްކުން އައި އޮރެންޖުގެ އަގު އެނެމްފަހުން އެސްޓީއޯ ރޭޓަށް!

ފިހާރައެއްގައި ވިއްކަން ހުރި އޮރެންޖުތަކެއް.. ފޮޓޯ: ވޮއިސް
ފިހާރައެއްގައި ވިއްކަން ހުރި އޮރެންޖުތަކެއް.. ފޮޓޯ: ވޮއިސް

ބާޒާރުގައި ބޮޑު އަގުގައި ވިއްކަމުން ދިޔަ އޮރެންޖުގެ އަގު އެސްޓީއޯއާއި އެއްއަގަށް ތިރިވެއްޖެއެވެ.

މީގެ ކުރިން ބާޒާރުން އޮރެންޖެއްގެ އަގު ހުރީ 10ރ. އާއި 16ރ. އާއި ދެމެދުގައި އެވެ. ނަމަވެސް މިހާރު އެ ގައުތައް ހުރީ އެސްޓީއޯއާއި އެއް ރޭޓަކަށް ތިރިވެފަ އެވެ.

އޮރެންޖުގެ އަގު ބޮޑުވުމުން އާންމުންގެ ކަންބޮޑުވުން މިކަމުގައި އޮތްއިރު، ބާޒާރުގައި އޮރެންޖުގެ އަގު ބޮޑުވަން ދިމާވި އެންމެ ބޮޑު ސަބަބަކީ އޮރެންޖްގެ ޝިޕްމެންޓްތަކެއް ލިބުން ލަސްވެގެންނެވެ. ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް މިހާރު ބާޒާރަށް ވަނީ ނެރެފައެވެ.

ބާޒާރުގައި އޮރެންޖުގެ އަގުތަކަށް މިފަހަރު އައި ބަދަލަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދިމާވި ކަމެކެވެ. އެގޮތުން، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ދިމާވިއެވެ.

މީގެ އިތުރުން، މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖު އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާއި، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ. އެއިރު ބައެއް ވިޔަފާރިވެރިން ބުނެފައިވާގޮތުގައި އޮރެންޖްގެ އަގު ބޮޑުވެގެން ދިޔައީ ކޭހުގެ އަގުވެސް ބޮޑުވެގެންނެވެ.

ނަމަވެސް މިހާރު އޮރެންޖް ލިބެން ފެށުމާއެކު ކޭސް ލިބެމުންދާ އަގުވެސް ވަނީ ހެޔޮ ވެފައެވެ. އެގޮތުން ބާޒާރުން 10ރ. އާއި 16ރ. އަށް ލިބެން ފެށި އޮރެންޖުގެ އަގު މިއަދު ވަނީ 6ރ. އާއި 7ރ. އަށް ތިރިވެފައެވެ.

ބާޒާރުގައި އޮރެންޖް އަގުބޮޑުކޮށް ލިބުނު ނަމަވެސް، އެސްޓީއޯ އިން އަންނަނީ އޮރެންޖުގެ އަގުތައް ކޮންޓްރޯލް ކޮށްފަ އެވެ. އަދި އެސްޓީއޯއިން ދިޔައީ އާންމުންނަށް ހެޔޮ އަގުގައި ރޮރެންޖު ވިއްކަމުންނެވެ. އަގު ކޮންޓްރޯލްކޮށްގެން އެސްޓީއޯގެ އެއްވެސް އައުޓްލެޓަކުން އޮރެންޖް ވިއްކާފައިނުވެ އެވެ. އެ އައުޓްލެޓްތަކުން ބޭނުން ވަރަަކަށް ރީޓެއިލްކޮށް އޮރެންޖް ވިއްކަމުންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

އެސްޓީއޯއިން އޮރެންޖު ވިއްކަމުން އަންނަނީ ކިލޯއެއް 40ރ. ގެ ރޭޓުންނެވެ. އެ ރޭޓަށް ބަލައިފި ނަމަ އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.

އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އެސްޓީއޯ އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ދަނީ ބާޒާރުގެ އަގުތައް މޮނިޓަރު ކުރަމުންނެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ދަނީ ހާއްސަ އިސްކަމެއް ދީގެން އަސާސީ މުދަލުގެ ޝިޕްމަންޓްތައް ދުވަހުން ދުވަހަށް ކްލިއާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.