އެމެރިކާގެ އިންޒާރު ތަކަށް ސީރިއަސްވުމަށް އީރާނަށް ޖޭޑީ ވެންސް ގޮވާލައްވައިފި
އަސްކަރީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ވޮޝިންޓަނުން ދެމުންދާ އިންޒާރުތަކަށް "ސީރިއަސް" ވުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުދަ ދުވަހު އީރާނަށް ގޮވާލައްވައިދި އެވެ.
މި އިންޒާރު ވެންސް ދެއްވާފައި މިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'ސްޓޭޓް އޮފް ދަ ޔޫނިއަން' ތަގުރީރުގައި ހަނގުރާމައަކަށް މަގުފަހިވާ ފަދަ މޭރުމަކުން ވާހަކަދެއްކެވިތާ އެއް ދުވަސް ފަހުންނެވެ.
އެމެރިކާގެ ސިފައިން މެދުއިރުމަތީގައި ޖަމާވަމުންދާ ދަނޑިވަޅެއްގައި، ޓްރަމްޕް ކޮންގްރެސްގައި ވިދާޅުވީ އީރާނުން ދަނީ އެމެރިކާއަށް ހަމަލާދެވޭ ފަދަ މިސައިލް އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އީރާނަކީ "ނުބައި ނިއުކްލިއާ އުންމީދުތަކެއް" ގެންގުޅޭ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، މިދިޔަ އަހަރު އެމެރިކާގެ ހަމަލާތަކުގައި ހަލާކުކޮށްލި ނިއުކްލިއާ ޕްރޮގްރާމް އަލުން އާރާސްތުކުރަން މަސައްކަތް ކުރާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ވެންސް ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުން މައްސަލަ ހައްލުކުރަން ޓްރަމްޕް މަސައްކަތް ކުރެއްވި ނަމަވެސް، އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ "ހައްގު" ރައީސަށް ލިބިގެންވާ ކަމަށެވެ.
"ދުނިޔޭގެ އެންމެ މޮޔަ އަދި އެންމެ ނުބައި ނިޒާމަށް ނިއުކްލިއާ ހަތިޔާރު އަތުލުމުގެ ފުރުސަތެއް ނުދެވޭނެ،" ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވި އެވެ.
އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ޓްރަމްޕްގެ ވާހަކަތަކަކީ "ބޮޑެތި އިތުރުފުޅުތަކެއް" ކަމަށް އީރާނުން ބުނެ އެވެ. ނަމަވެސް ވެންސް ވިދާޅުވީ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އީރާނުން ދޫދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެހެން ނޫންނަމަ ރައީސްގެ އަތްޕުޅުގައި އެހެން ވަސީލަތްތައް ވެސް އެބަހުރި ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިއީ ވޮޝިންޓަނުން ގެންގުޅޭ "މެކްސިމަމް ޕްރެޝަރ" ކެމްޕޭނުގެ ބައެކެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ މަޝްވަރާތަކާ މެދު އުންމީދު އެބައޮތް ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކަފުޅުތައް ހުރީ 2003 ވަނަ އަހަރު އިރާގަށް އެރުމުގެ ކުރިން އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތް މޭރުމަކުންނެވެ.
އެމެރިކާއިން މިހާރު ބާރުއަޅަމުންދަނީ އީރާނާއެކު ކުރެވޭ ކޮންމެ ނިއުކްލިއާ އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމަކަށް ހެދުމަށެވެ. 2015 ވަނަ އަހަރުގެ އެއްބަސްވުމުން ޓްރަމްޕް ވަކިވެވަޑައިގަތީ އޭގައި ހުރި ބައެއް ހުރަސްތައް ވަކި މުއްދަތަކަށް ފަހު އުވިގެންދާތީ އެވެ. އީރާނުން އަދިވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ މަސައްކަތަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކުރާ މަސައްކަތެއް ކަމަށެވެ.
Ads by MACL
