ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ؛ އެއީ 9.8 އިންސައްތައިގެ އިތުރުވުމެއް
މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. މި ނަތީޖާތަކުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް ރެކޯޑް އަހަރެކެވެ.
މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
Ads by BMLމީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިގްތިސާދުގެ އެކި ސިނާއަތްތަކަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މިއީ ބޭންކުގެ ތާރީހުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރެވެ.
ބޭންކުގެ ކަސްޓަމަރުންގެ އަދަދަށް ބަލާއިރު، ވޭތުވެދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވެއެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 16 އިންސައްތަ އިތުރުވެފައެވެ. މިއީ ބޭންކުގެ ޚިދުމަތްތަކަށް އޮތް އިތުބާރާއި ޚިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެއް ކަމަށާއި ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ބޭންކުގެ މުވައްޒަފުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ އިތުރުން ހިއްސާދާރުންނާއި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
"ވޭތުވެދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި ވަރަށް މުހިންމު އަހަރެއް. ގައުމީ ބޭންކަކީ މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދުމާއެކު އިޖުތިމާއީ ގޮތުންވެސް މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ މުއައްސަސާއެއްކަން އަޅުގަނޑުމެން މިވަނީ ސާބިތުކޮށްދީފަ. އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީހުގައިވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް."
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
ނިމިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ގާއިމްކޮށް ނިންމުމެވެ. މި މަސައްކަތަކީ މާލީ ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ އަމާޒަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކޮންމެ ދިވެއްސަކަށްވެސް އެމީހަކު ހުރި ތަނަކުން ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
Ads by MACL
