ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލިބުނު މާލީ ކުރިއެރުމާ އެކު ހިއްސާއަކަށް 60ރ. ބެހުމަށް ހުށަހަޅަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި

ބީއެމްއެލް އިން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގައި އެ ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގައި އެ ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު މާލީ ކުރިއެރުމާ އެކު ހިއްސާއަކަށް 60ރ. ބެހުމަށް ހުށަހަޅަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މި ނިންމުމާ އެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322.9 މިލިއަން ރުފިޔާ ބެހުމަށް ހުށަޅާނެ އެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގަ އެވެ.

މީގެ އިތުރުން، މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ވެސް ބޯޑުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ބޯނަސް ހިއްސާ ދޫކުރުމަށް ފަހު، 50ރ.ގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއުއަކަށް ވާނީ 1015.90ރ. އެވެ. އަދި މި އަހަރު ކޮންމެ ހިއްސާއަކަށް ދޭނީ ޖުމްލަ 2091.80ރ.ގެ ނަފާއެކެވެ.

މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓް ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.

"ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމެވެ،"

ބީއެމްއެލް

ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ބުނީ ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިއީ އެ ބޭންކުގެ ތާރީހުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރު ކަމަށް ބުނެފައިވެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިދިޔަ އަހަރު 30,000އަށް ވުރެ ގިނަ އާ ކަސްޓަމަރުން އެ ބެންކާއި ގުޅުނެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށް ވުރެ 16 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް އެ އެ ބެންކުން ބުންޏެވެ.