ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޯޅަވަހި ލިބެންޖެހޭނީ ދިވެހިންނަށް: އިނގިރޭސި ރިފޯމް ޕާޓީގެ ލީޑަރ

ފޯޅަވަހި ލިބެންޖެހޭނީ ދިވެހިންނަށް: އިނގިރޭސި ރިފޯމް ޕާޓީގެ ލީޑަރ

ޗާގޯސްއަށް ސިޔާދަތީ ދައުވާކުރުމުގެ ހައްގު އެންމެ ބޮޑަށް ލިބިގެންވާ ގައުމަކީ ދިވެހިރާއްޖެ ކަމުގައި އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު އަދި ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި އެންމެ ހަލުއިކޮށް ތަރައްގީވެ ބޮޑުވަމުން އަންނަ ޕާޓީކަމަށްވާ ރިފޯމު ޕާޓީގެ ލީޑަރު ފަރާޖު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ޗާގޯސްގެ މައްޗަށް ދައުވާކުރުމަށް އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެއެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮތް ތާރީހީ ގުޅުމައް ނަޒަރު ހިންގަމުން ފަރާޖު ވިދާޅުވީ ފޯޅަވައްސާއި ރާއްޖެއާ ދެމެދުގައި އޮތް ތާރީހީ ގުޅުމަކީ  ވިޔަފާރިއާއި އާކިއޮލޮޖީގެ ގޮތުން ސާބިތުވާން އޮތް ގުޅުމެއް ކަމަށާއި ފަރަންސޭސިން އެ ރަށްތަކަށް ވެރިވުމަށްފަހު ކުރި ހަމަ އެކަނި ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔަމުން އައި ނަން ބަދަލުކޮށްލުން އެކަނި ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާއެއް ކުރުމަށް މޮރިޝަސްއަށް ތާރީހީ އަދި ސަގާފީ އަދި ޖިއޮގްރަފީގެ އެއްްވެސް އަސާސެއް ދެއްކެން ނެތް ކަމަށެވެ. އަދި އެ އަސާސްތައް ދެއްކެން އޮތް ހަމަ އެކަނި ގައުމަކީ ރާއްޖެ ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިކަމުގައި ރާއްޖޭގެ ހިތްހަމަނުޖެހުން ގުޅިފައި އޮތީ ޒަމާންތަކެއް ވަންދެން މި ސަރަހައްދުގައި އޮތް ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުން ސަރަހައްދީ އިންތަކާ ގުޅޭ "ހަނގުރާމެއް" މި ސަރަހައްދުގައި އުފެދުމުގެ މާހައުލެއް އޮތުންކަމަށް ވެސް ފަރާޖު ވިދާޅުވިއެވެ.

ފަރާޖު ވިދާޅުވި ގޮތުގައި ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ވަރަށް އަވަހަށް ފޯޅަވަހީގެ ރަށްތަކާ ގުޅިގެން ދައުވާއެއް އުފުލާނެއެވެ.

އައިސީޖޭ އިން މިކަމާ މެދުގައި ގޮތެއް ނިންމަންދެން އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްނުކޮށް މަޑުޖައްސާލަން އޭނާ އެދިވަޑައިގެންނެވިއެވެ.

ފޯޅަވައްސަކީ އެ ގައުމުގެ ބައެއް ކަމަށް މޮރިޝަސްއިން ޒަމާނުއްސުރެ ވަކާލާތު ކުރެއެވެ. 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް މޮރިޝަސްއަށް 1965 ގައި މިނިވަންކަން ލިބުނު ނަމަވެސް، އިނގިރޭސިވިލާތުން ވަނީ ފޯޅަވަހި ވަކިކޮށް އެއީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ" ގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ސަރަހައްދުގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި އެތަނުގައި އޭރު ދިރިއުޅެމުންދިޔަ ރައްޔިތުން އެހެން ތަންތަނަށް ބަދަލުވުމަށް އިނގިރޭސީން މަޖުބޫރުކުރުވިއެވެ.

މި މައްސަލަ މޮރިޝަސްއިން ބައިނަލްއަގުވާމީ އަދުލުގެ ކޯޓަށް ހުށަހެޅުމުން، 2019 ވަނަ އަހަރު އެ ކޯޓުން ނިންމީ އިނގިރޭސިވިލާތުން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެތަނުގެ ވަޒަންވެރިން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.

މި ނިންމުމުގެ ސަބަބުން މޮރިޝަސްގެ ކަނޑުގެ އިހުތިސާސް ފުޅާވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ގޮތްވިއެވެ. ބައިނަލްއަގުވާމީ އުސޫލުތަކުގައިވާ ގޮތުން ކޮންމެ ގައުމަކަށްވެސް 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދެއް ލިބިގެންވާއިރު، ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައި އުފެދުނު މި ހިލާފު ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލުން ބަލަން ފެށިއެވެ.

އެ ޓްރައިބިއުނަލުން ބެލި މައްސަލައިގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ މޮރިޝަސްއާ ފުށޫއަރާ ސަރަހައްދު ހަމަހަމައަށް ބައިކޮށްލުމަށެވެ. އެއާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއްގެ ގެއްލުމުން ކަނޑު ވިއްކާލީ ކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ހައްގެއް ރާއްްޖެއަށް ލިބިފައިވާކަން ދިވެހިރާއްޖެއިން ގަބޫލުކުރާކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ފޯޅަވަހި ރާއްޖެއަށް ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށާއި، ބައިނަލްއަގުވާމީ ގޮތުން އެ މަގަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ފަށާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރައްވާފައިވެ އެވެ.