ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލްތަކަކީ ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ: އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތްދޭ ނިޒާމު ކަމަށްވާއިރު، މި ނިޒާމުގެ ތެރެއިން ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާއަކީ ކައުންސިލުތައްކަން ދައުލަތުގެ ހުރިހާ ވުޒާރާތަކާއި އިދާރާތަކުން ގަބޫލުކުރަންޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.

ވަޒީރު ވިދާޅުވީ، ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާކުރުން މުހިއްމު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާއިރު، މިއަދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން މި ނިޒާމު ބަލައިގަނެފައިވުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފުވެގެން އައި ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، އެއިރު ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮތް ހޭލުންތެރިކަމާއި، ނިޒާމު ހިންގުމަށް ބޭނުންވާ މީހުން ބިނާކުރެވިފައިވާ މިންވަރާ މެދު ވަޒީރު ސުވާލު އުފެއްދެވިއެވެ. ނަމަވެސް، މިވީ 15 އަހަރުގެ ތެރޭގައި މި ނިޒާމު ވަނީ އެތައް ތަޖުރިބާތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންނާ ގާތުން އަދި ރައްޔިތުން ބައިވެރިކޮށްގެން ވެރިކަން ހިންގެވުމުގެ ނަމޫނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރައީސް ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ކައުންސިލުތަކުގެ ދައުރަކީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ދައުރު އަދާކުރުން ކަމަށް ގަބޫލުކޮށް، އެ ފިކުރު މުޅި ރާއްޖޭގައި އާލާކުރަންޖެހޭ ކަމަށެވެ.