ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާރިޗު މަހުގެ 9ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ސަރުކާރު ބަންދުވާނެ

ރައީސުލްޖުމްޙޫރިއްޔާގެ އޮފީސް
ރައީސުލްޖުމްޙޫރިއްޔާގެ އޮފީސް

އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަން ސަރުކާރުން ހާމަކޮށްފި އެވެ.

1445 ވަނަ އަހަރުގެ ރަޟާންމަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުކްޖުމްޙޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.

އެގޮތުން މި ރަމަޟާން މަހުގެ ވެސް ފަހު 10ގެ ދުވަސްތަކަކީ ސަރުކާރުން ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން ވަނީ ކަނޑައަޅާފަ އެވެ.

އެހެން ކަމުން މާރިޗު މަހުގެ ނުވައެއް ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް މުވައްޒިފުންނަށް ޗުއްޓީ ދިނުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ.