ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނުވާނެ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ރައީސް ގެންދަވަނީ ކުރައްވަމުން: ޝިޔާމް
ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑެއްގައި ކުރިއަށްގެންގޮސް، ރާއްޖޭގެ ތަރައްޤީ ސޮއްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ފައިދާކުރާނެ އަދި ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ގެނުވާނެ ކޮންމެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްޖެހިވަޑައިގަތުމެއް ނެތި ކުރައްވާނެ ކަމަށެވެ.
ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި، ވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައީސް ނިންމެވި ނިންމެވުމަށް ތައުރީފު ކުރައްވާފަ އެވެ. ވަޒީރު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، މީގެ ކުރިން ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ އަޑު އެހުމެއް ނެތި ކަމަށެވެ.
Ads by BMLރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް އޮތް "ލޫޕްހޯލް" ތައް ބަންދުކުރެއްވުން ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
"ގައުމުގެ ސިޔާދަތާއި، ސަރަހައްދާއި، އަދި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ރައީސް އިސްކަންދެއްވާ ކަމެއް،"
ވަޒީރު ޝިޔާމް ވިދާޅުވި އެވެ.
ސަރުކާރުން މިހާތަނަށް އެޅި ބައެއް ހަރުދަނާ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ފަދަ ނިންމެވުންތަކާ ގުޅިގެން ވިޔަފާރިވެރިންނާއި އެކި ޕްރެޝަރު ގްރޫޕުތަކުން ނުރުހުން ފާޅުކުރި ނަމަވެސް، އެއީ ޖީލެއް ސަލާމަތްކުރުމަށް ރައީސް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށެވެ.
މީގެ އިތުރުން، ޑޮލަރުގެ މައްސަލައިގައި ނިންމެވި ނިންމެވުންތަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، އެއީ ގައުމުގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ބޮޑު ނިންމެވުމެއް މިހާތަނަށް ނިންމަވާފައި ނުވާ ކަމަށެވެ.
Ads by MACL
