ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި

އެޑިއުކޭޝަން މިނިސްޓަރ ޝަފީޢު ސްކޫލަކަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓަރ ޝަފީޢު ސްކޫލަކަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން

ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ. ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2019 ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުގެ އިސްނެންގެވުމާއި، ކުރެއްވި މަސައްކަތުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު އަންނަނީ އެއްފަހަރާ ޖަމާކޮށްދެމުންނެވެ.

މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް މިނިސްޓަރު ސްކޫލްތަކަށް އަންގަވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ސްކޫލްތަކަށް ފޮނުވި އެންގުމުގައިވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ސްޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ، ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންގެ މަސައްކަތް ޖެނުއަރީ 31، 2026 ގެ ކުރިން މުޅިން ނިންމަން ޖެހޭނެ ކަމަށެވެ.