ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަރަގްޗީގެ އިންޒާރެއް އެމެރިކާއަށް: އެއްބަސްވުމަކަށް އަންނަން ބޭނުން ނަމަ ތިކުރާ ބޮޑެތި ޑިމާންޑްތައް ދޫކޮށްލާ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ

އީރާނާއި އެމެރިކާއާ ދެމެދު ޖެނީވާގައި ބޭއްވުނު މަޝްވަރާތަކަށްފަހު، އެއްބަސްވުމަކަށް އަންނަން ބޭނުން ނަމަ މިހާރު ކުރަމުން އަންނަ ބޮޑެތި ޑިމާންޑްތައް ދޫކޮށްލަންޖެހޭ ކަމަށް ބުނެ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެމެރިކާއަށް އިންޒާރު ދެއްވައިފި އެވެ.

މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލް އާތީއާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި އަރަގްޗީ ވިދާޅުވީ، މި މަގުން ކުރިއަށްދިއުމުގައި ކާމިޔާބީއެއް ލިބޭނީ އަނެއް ފަރާތުން ސީރިއަސްކަމާއި ހަގީގަތާ އެއްގޮތަށް އަމަލުކޮށް، އެއްވެސް ކަހަލަ ގޯސް ހިސާބުތަކެއް ޖެހުމާއި މާބޮޑު ޑިމާންޑްތައް ކުރުމުން ދުރުހެލިވެގެން ކަމަށެވެ.

އަރަގްޗީ އިޝާރާތް ކުރެއްވީ ކޮން ޑިމާންޑްތަކަކަށް ކަން ސާފުކޮށްދެއްވާފައި ނުވިނަމަ ވެސް، ވޮޝިންޓަނުން ވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ގާބިލުކަމަކީ އެމެރިކާއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުންދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވީ، އީރާނުން މިހާރުވެސް ޔޫރަޕާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ނުރައްކާ ކުރެވޭ ފަދަ މިސައިލްތައް އުފައްދާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެމެރިކާ އާއި ހަމައަށް ފޯރާނެ މިސައިލްތައް އުފެއްދުމުގެ މަސައްކަތް އީރާނުން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުން އެ ގައުމުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަން ދެކޮޅު ހަދާ ކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ މިސައިލް ޕްރޮގްރާމަކީ ދިފާއީ ބޭނުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށާއި، ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާނުލާނެ ކަމަށެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސްވ އީރާނުން ބުނެއެވެ.

އޮމާން މެދުވެރިވެގެން ބޭއްވުނު މި މަޝްވަރާތަކަށްފަހު ދެ ގައުމުން ވެސް ވަނީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ. މިކަމާ ގުޅޭ ފަންނީ މަޝްވަރާތައް އަންނަ ހޯމަ ދުވަހު ވިއެންނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.