މެކްސިކޯގެ ހަމަނުޖެހުންތަކާ އެކުވެސް، ވޯލްޑް ކަޕާ މެދު އިންފަންޓީނޯ ހުރީ ހިތްހަމަޖެހިގެން
-
މެކްސިކޯގެ މަސްތުވާތަކެތީގެ ކާޓޭލެއްގެ ލީޑަރަކު މަރާލުމާ ގުޅިގެން އެ ގައުމުގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކާ އެކުވެސް، ކުރިއަށް އޮތް ފުޓްބޯޅަ ވޯލްޑް ކަޕް މެކްސިކޯގައި ބޭއްވުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ކޮލަމްބިއާގެ ބަރަންކީލާގައި އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި އިންފަންޓީނޯ ވިދާޅުވީ، ވޯލްޑް ކަޕްގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، މުބާރާތް ފެނިގެންދާނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. މިއީ މެކްސިކޯގެ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓޭލް (ސީޖޭއެންޖީ) ގެ ލީޑަރު ނެމެސިއޯ "އެލް މެންޗޯ" އޮސެގުއޭރާ އަސްކަރިއްޔާއިން މަރާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކަށް ފަހު އިންފަންޓީނޯ މިކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.
މެކްސިކޯގައި ހިނގާ މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 74 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ އާންމު ރައްޔިތެކެވެ. ނަމަވެސް ކާޓޭލްގެ ހަނގުރާމަވެރިން ވަނީ މެކްސިކޯގެ 32 ސްޓޭޓްގެ ތެރެއިން 20 ސްޓޭޓެއްގައި މަގުތައް ބަންދުކޮށް، އުޅަނދުތަކާއި ވިޔަފާރިތަކުގައި ހުޅުޖަހާފައެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާ ގުއަޑަލަހާރާ ސިޓީ ވެސް ހިމެނެއެވެ.
ފީފާގެ ރައީސް މިފަދަ އުންމީދީ ވާހަކަތަކެއް ދެއްކެވި ނަމަވެސް، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މެކްސިކޯގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފެޑެރޭޝަނުން ބުނީ މެކްސިކޯ ސިޓީގައި އަންނަ މާޗު މަހުގެ 29 ގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗާ މެދު ގޮތެއް ނިންމާނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަލާމަތަށް ބެލުމަށްފަހު ކަމަށެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބައުމް ވިދާޅުވީ ވޯލްޑް ކަޕަށް އަންނަ ސަޕޯޓަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، ގައުމުގެ ހާލަތު އަންނަނީ މަޑުމަޑުން އާންމު ހާލަތަކަށް ރުޖޫއަވަމުން ކަމަށެވެ. އަދި ޖަލިސްކޯގެ ގަވަރުނަރު ޕަބްލޯ ލެމޫސް ވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ގުއަޑަލަހާރާގައި ބާއްވާ މެޗުތައް ކެންސަލް ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
މި އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް މުބާރާތް އޮންނާނީ މެކްސިކޯގެ އިތުރުން އެމެރިކާ އަދި ކެނެޑާގަ އެވެ. މެކްސިކޯގެ އެންމެ ހަމަނުޖެހުން ބޮޑު ގުއަޑަލަހާރާގައި ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
