ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުއްޖަކު މަރުވި އެކްސިޑެންޓް: ހައްޔަރު ކުރި ޒުވާނާ ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލައިފި

ކުރިން ހިނގި އެކްސިޑެންޓެއްގެ މަންޒަރެއް. ފޮޓޯ: ސަން
ކުރިން ހިނގި އެކްސިޑެންޓެއްގެ މަންޒަރެއް. ފޮޓޯ: ސަން

މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ހިނގި ނުރައްކާތެރި ހާދިސާގައި 16 އަހަރުގެ ފިރިހެން ކުއްޖަކު މަރުވި މައްސަލާގައި ހައްޔަރުކުރި ޒުވާނާ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި އެވެ.

ސައިކަލު ކޮންޓްރޯލް ނުވެ ޕޭމެންޓް މައްޗަށް އަރައި އެކްސިޑެންޓްވެ ލިބުނު އަނިޔާތަކާއި ގުޅިގެން ނިޔާވީ ބ. ދަރަވަންދޫ, ހިޔަލީގުލްޝަން އުރުން 16 އަހަރުގެ މުހައްމަދު ނިހާން ނާޒިމް އެވެ. މަރުވި ނިހާން އަކީ ސައިކަލުގެ ފަހަތުގައި އިން ކުއްޖެކެވެ.

ސައިކަލު ދުއްވަން އިނީ ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އާދިން އާރިފެވެ. އާދިންގެ އަތުގައި ލައިސަންސް ވެސް ނެތެވެ.

އެހެން ކަމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ބަންދުގެ މަޖިލީހަށް ހާޒިރުކުރުމުން އާދިންގެ ވާހަކަތަކަށް ރިޔާއަތްކޮށް ގާޒީ ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ. އާދިން ބުނީ އެކްސިޑެންޓްވީ ގަސްތުގައި ކުރި އަމަލަކުން ނޫން ކަމަށާއި އެކުވެރިޔާގެ މަރާމެދު ވަރަށް ހިތާމަ ކުރާ ކަމަށެވެ.

އެކްސިޑެންޓްގައި އޭނާއަށް ވެސް އަނިޔާވި ކަމަށާ އެހެން ކަމުން އެދެނީ ހަރުކަށި ޝަރުތުތަކެއް ކުރުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްލަން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެހެން ކަމުން ތަަހުޤީޤަށް އެއްބާރުލުންދޭން ޝަރުތުކޮށް އަދި މާލެއިން ފުރައިގެން ދިއުން މަނާކޮށް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ފުލުހުން ވެސް ވަނީ އެ ނިންމުމާމެދު އިއުތިރާޒެއް ނެތް ކަމަށް ބުނެފަ އެވެ.