ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗާގޯސް މައްސަލަ: މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި

މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު. ފޮޓޯ: ރޮއިޓާސް
މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު. ފޮޓޯ: ރޮއިޓާސް

ޗާގޯސް ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނެތް ކަމަށާއި، އެ ރަށްތަކަކީ ރާއްޖޭގެ މިލްކެއް ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރަމުންދާތީ، މޮރިޝަސްއިން ރާއްޖެއާ އެކު ބާއްވަމުން އައި ހާރިޖީ ގުޅުންތައް ވަގުތުން ކަނޑާލުމަށް މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖެއާ ގުޅުން ކަނޑާލަން ނިންމީ ޗާގޯސްގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދަމުންދާތީއެވެ. އަދި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ދައުވާކުރަމުން ދިއުމަކީ މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބު ކަމަށް އެ ގައުމުން ބުނެއެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ މީގެ 44 އަހަރު ކުރިން، 15 ޖެނުއަރީ 1981 ގައެވެ. މިހާތަނަށް ރާއްޖޭގެ ފަރާތުން މޮރިޝަސްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ. މި ނިންމުމާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގަރުނުތަކެއްވީ ގުޅުމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ދެކުނު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިޓްލޮސްއިން ނިންމި ނިންމުން ބަލައިނުގަންނަކަން ހާމަކޮށް، އެ ސަރަހައްދަށް ކޯސްޓްގާޑުގެ އުޅަނދުތައް މިހާރު ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ ޗާގޯސްގެ ރަށްތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ތާރީހީ ހެކިތަކުން އެނގެން އޮތް ކަމަށް ވިދާޅުވެ، އިނގިރޭސި ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވާފައެވެ. އަދި ރާއްޖެއަށް އެ ރަށްތައް ލިބިއްޖެ ނަމަ، ފޯޅަވަހީގައި މިހާރު އޮތް އެމެރިކާގެ އަސްކަރީ މަރުކަޒު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވާނެ ކަމަށް އެމެރިކާ ސަރުކާރަށް ވެސް ރައީސް ވަނީ ދަންނަވާފައެވެ.