ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުމެއް

ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗެއްގެ ތެރެއިން. ފޮޓޯ: އަލް ޖަޒީރާ
ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗެއްގެ ތެރެއިން. ފޮޓޯ: އަލް ޖަޒީރާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ގުރުއަތުލުން ނިމުނުއިރު، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ. ޔޫރަޕްގެ އެންމެ ޝަރަފުވެރި މި މުބާރާތުގެ ރެކޯޑް 15 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ގަދަ 16 ގެ ފުރަތަމަ ލެގުގައި އަންނަ މަހު ސިޓީއާ ދެކޮޅަށް ނުކުންނާނީ އެޓީމުގެ އަމިއްލަ ދަނޑު ކަމަށްވާ ސެންޓިއާގޯ ބެރްނަބިއުގައެވެ. އަދި އޭގެ ފަހު ހަފުތާގައި ދެވަނަ ލެގު ކުޅުމަށް ރެއާލް އިންގްލެންޑަށް ދަތުރުކުރާނެއެވެ.

މި ދެ ކްލަބަކީ މި ފަހަކަށް އައިސް ޗެމްޕިއަންސް ލީގުގައި އެންމެ ގިނައިން ބައްދަލުކުރާ ދެ ޓީމެވެ. މި ސީޒަނުގެ ލީގު ފޭސްގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، ޑިސެމްބަރު މަހު މެޑްރިޑުގައި ކުޅުނު އެ މެޗުން ޕެޕް ގާޑިއޯލާގެ ސިޓީ ވަނީ 2-1 އިން މޮޅުވެފައެވެ.

ލީގު ފޭސް ނިމުނުއިރު ސިޓީ އަށްވަނައިގައި އޮވެ ސީދާ ގަދަ 16 އިން ފުރުސަތު ހޯދިއިރު، ނުވަވަނައިގައި އޮތް ރެއާލް މެޑްރިޑަށް ޖެހުނީ ނޮކްއައުޓް ފޭސް ޕްލޭއޮފް ކުޅޭށެވެ. އެ ބުރުގައި ރެއާލް ވަނީ ބެންފީކާގެ މައްޗަށް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފައެވެ.

ގަދަ 16 ވަނަ ބުރުގައި ދެން އެންމެ ފާހަގަކޮށްލެވޭ ކުރިމަތިލުމަކީ ފްރާންސްގެ ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ މިދިޔަ ޖުލައި މަހު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ފައިނަލުގައެވެ. އެ މެޗުން ޗެލްސީ 3-0 އިން މޮޅުވި ނަމަވެސް، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ބަދަލުހިފުމެއް ނޫން ކަމަށާއި މިއީ މުޅިން ތަފާތު ދެ މުބާރާތެއް ކަމަށެވެ.

އެންރީކޭ ބުނީ ގަދަ 16 ގެ ގުރުނެގުން ވަރަށް ރަނގަޅުވެފަ ޝައުގުވެރި ކަމަށާއި އިނގިރޭސި އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް ކުޅުމަކީ ވަރަށް ފޯރިގަދަވާނެ އަދި އެހާމެ ޝައުގުވެރިވާނެ ކަމެއް ކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"ގުރު ނެގިގެން އެ ދިޔައީ ރަނގަޅަށް އަހަރެން ހީކުރި ވެސް ގޮތަށް. އެނގޭ އިނިރޭސި ގަދަ ބާރަކާއި ލައްވާލާނެ ކަން އޭރު ވެސް. އިނގިރޭސި ކުލަބުތަކާއި ދެކޮޅަށް ކުޅުމަކީ ވަރަށް ފޯރިގަދަ އަދި ޝައުގުވެރިކަމެއް."

ޕީއެސްޖީގެ ކޯޗު އެކްރީކޭ ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގޮތް: ފޮޓޯ: ޔޫއެފާ

މިފަހަރުގެ ގަދަ 16 ގައި ރެކޯޑް އަދަދަކަށް، އިނގިރޭސި ކުލަބުތައް ހިމެނެ އެވެ. އެގޮތުން މި ބުރުގައި އިނގިރޭސި ހަ ކްލަބު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބަރުގަދަ އެއް ޓީމު ކަމަށްވާ އާސެނަލް ނުކުންނާނީ ޖަރުމަނުގެ ބަޔާ ލެވަކޫޝަންއާއި ދެކޮޅަށެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ބާސެލޯނާއާ ބައްދަލުކުރާއިރު، ލިވަޕޫލް ނުކުންނާނީ ތުރުކީގެ ގަލަތަސާރާއީއާ ދެކޮޅަށެވެ. ލީގު ފޭސްގައި ލިވަޕޫލާއި ގަލަތަސާރާއީ ބައްދަލުކުރި މެޗުން ގަލަތަސާރާއީ ވަނީ 1-0 އިން މޮޅުވެފައެވެ.

ގަދަ 16 ގެ މި ބުރުގައި އެއްވެސް އިނގިރޭސި ޓީމެއް އެއް ޓީމު އަނެއް ޓީމާ ބައްދަލުނުކުރި ނަމަވެސް، ކުއާޓާ ފައިނަލުގައި އިނގިރޭސި ދެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީއަށް މިހާރު އިރުޝާދުދެމުން އަންނަނީ ޖެނުއަރީ މަހު އެ މަގާމާ ހަވާލުވި ލިއަމް ރޮސީނިއާ އެވެ. އޭނާއަކީ މީގެ ކުރިން ފްރެންޗް ލީގުގައި ޕީއެސްޖީއާއި ދެކޮޅަށް ނުކުމެފައިވާ ތަޖުރިބާކާރު ކޯޗެކެވެ.