ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަޕޯޓަރުންތަކެއް ދަނޑަށް އަރައި ހަމަނުޖެހުން ހިންގައި, މެސީ ދަނޑުމައްޗަށް ވައްޓާލައިފި

ޕުއެރްޓޯ ރިކޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކެއްގައި، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދަނޑުމައްޗަށް ވައްޓާލާ މަންޒު
ޕުއެރްޓޯ ރިކޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކެއްގައި، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދަނޑުމައްޗަށް ވައްޓާލާ މަންޒު
ޕުއެރްޓޯ ރިކޯގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުންތަކެއްގައި، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދަނޑުމައްޗަށް ވައްޓާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޓަ މިއާމީ އާއި އިކުއެޑޯގެ އިންޑެޕެންޑިއެންޓޭ ޑެލް ވަލޭ ބައްދަލުކުރި މެޗުގެ 88 ވަނަ މިނެޓުގެ ކުޅުން ކުރިއަށް ދަނިކޮށެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅު ސަޕޯޓަރުން ދަނޑަށް އެރި ވަގުތު، ސަޕޯޓަރުންގެ ތެރެއިން އެކަކު މެސީއާއެކު ސެލްފީއަކަށް އެދިފައިވާއިރު، އަނެކަކު އެދުނީ ޖާޒީގައި ސޮއިކޮށްދިނުމަށެވެ. ނަމަވެސް ތިންވަނަ ސަޕޯޓަރަކު ފަހަތުން އައިސް މެސީގެ ގައިގައި ބައްދައިގަތުމުން، ސެކިއުރިޓީ ގާޑަކު އެ މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި މެސީ ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ.

މި ހާދިސާގައި މެސީއަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާ ފެނުނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި މަންޒަރެވެ.

މި މެޗު ފެށީ ވެސް ގަޑިއިރެއް ފަހުންނެވެ. މެޗު ލަސްވީ ދެ ޓީމުން ބޭނުންކުރާނެ ކުލައަކާ މެދު އުފެދުނު ހިޔާލުތަފާތުވުމެއްގެ ސަބަބުން ގޮތް ކަނޑަނޭޅިގެންނެވެ. އެ މައްސަލަ ހައްލުނުވުމުގެ ނަތީޖާއެއްގެ ގޮތުން ދެ ޓީމުންވެސް މެޗު ކުޅުނީ ކަޅު ކުލައިގެ ޖާޒީގައެވެ. މެޗު 2-1 އިން ކާމިޔާބުކުރީ އިންޓަ މިއާމީއެވެ.

މިއާމީގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ސާންޓީ މޮރާލެސް ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން އިކުއެޑޯގެ ޕެޓްރިކް މާކާޑޯ ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެސީ، މިއާމީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި މެޗަކީ އަސްލު ފެބްރުއަރީ 13 ގައި ކުޅެން އޮތް މެޗެއް ނަމަވެސް، މެސީއަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ވަނީ ފަސްކޮށްފައެވެ.

ޕުއެރްޓޯ ރިކޯގެ ބަޔާމޮންގައި ކުޅުނު މި މެޗު ބަލަން ގާތްގަނޑަކަށް 20,000 ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. މެސީ ކުޅެން އެރި ވަގުތު މުޅި ދަނޑު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ މެސީއަކީ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިއަހަރުގެ ހޫނު މޫސުމުގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި މެސީ ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިއީ އޭނާ ކުޅޭނެ ރެކޯޑް ހަވަނަ ވޯލްޑް ކަޕަށް ވެގެންދާނެއެވެ.