އިޒްރޭލުން އީރާނަށް މިސައިލް ހަމަލާއެއް ދީފި
އިޒްރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާކަން އިއުލާނުކޮށްފައި ވަނިކޮށް، އީރާނުގެ ވެރިރަށް ތެހެރާނުގެ މެދުތެރޭ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގެ ޔުނިވާސިޓީ ސްޓްރީޓާއި ޖުމްހޫރީ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް އަރާފައެވެ. އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި ސިޓީގެ އެކި ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވިދާޅުވީ، "އިޒްރޭލުގެ ދައުލަތަށް އޮތް ނުރައްކާތައް ނައްތާލުމަށްޓަކައި، އިސްރާއީލުން ވަނީ އީރާނަށް އިސްވެ ހަމަލާދޭން ފަށާފައި" ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކުރާ ގޮތުގައި، ތެހެރާނަށް ދިން މި ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް އަމާޒުވެފައި ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީސްތައް ހުންނަ ސަރަހައްދާ ވަރަށް ކައިރިއަށެވެ.
މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އީރާނުން މިކަމަށް ރައްދު ދޭނެ ގޮތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާރަވެރިވަމުންނެވެ.
Ads by MACL
