ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަގީގީ އުފާވެރިކަމުގެ މަގު!

ހަގީގީ އުފާވެރިކަމުގެ މަގު!

الْأُسْتَاذ أَحْمَدُ مَاجِد

ގިނަ ބަޔަކު އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދުމަށް ޓަކައި ދަނީ މާއްދީ ކަންތައްތަކާ ދިމާޔަށެވެ.

އެކުވެރީންނާ އެކު ވަގުތު ހޭދަކޮށް މަޖާ ކުރުމެވެ. ދަތުރުފަތުރު ކުރުމެވެ. ފައިސާ އާއި މުދާ އެއްކުރުމެވެ. ފިލްމު ބެލުމާއި ވާހަކަ ކިޔުމާއި ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބެލުން ފަދަ ކަންކަމެވެ. ޚާއްޞަ ޝައުޤުތަކާއި ހޮބީތަކުން ހިތްހަމަޖެހުން ހޯދުމެވެ. ޝައްކެއް ނެތެވެ.
ކީރިތި ﷲ ކަނޑައެޅުއްވި އިންތަކުގެ ތެރޭގައި، އިންސާނީ ކަރާމާތާ ޚިލާފު ނުވާ ގޮތެއްގައި މި ކަންކަމުން މުނިއަވަސް ފިލުވުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް އުފާވެރިކަމުގެ އެންމެ މަތިވެރި ދަރަޖަ ޙާޞިލު ކުރެވެނީ މާއްދީ ކަންތައްތަކަކުންނެއް ނޫނެވެ.

ހިތްހަމަޖެހުމާއި ސުކޫނުގެ އެންމެ ސާފު، އެންމެ ބާރުގަދަ، އަދި އެންމެ މަތިވެރި ދަރަޖަޔާ ހަމަޔަށް އިންސާނާ ގެންގޮސްދޭ ކަމަކީ އޭނާގެ ވެރި ރައްބުގެ މަތިވެރި ރަސްކަންފުޅާ އޭނާއާ ދެމެދުގައި އޮންނަ ގުޅުން ގާތްވުމެވެ.

ދުނިޔޭގެ ކެހިވެރިކަމާއި، އަނިޔާވެރިކަމާއި، ބޭވަފާތެރިކަމާއި، ޚިޔާނާތްތެރިކަމާއި، ބޭއިންޞާފާއި، ދުނިޔަވީ އިމްތިޙާނުތަކުގެ ވޭންދެނިވި ކަސްތޮޅުތަކުން އިންސާނާއަށް ޙަޤީޤީ މިނިވަންކަން ހޯދައިދީ، އެކަންކަމާ ކުރިމަތިލުމުގެ ޙަޤީޤީ ހިތްވަރު އިންސާނާއަށް ލިއްބައިދޭ އެއްޗަކީ މި ދަންނަވާ ގުޅުމެވެ.

ފަޤީރު ޙާލުގައި ވިޔަސް، އަނިޔާވެރީންގެ ޖަލުގައި ވިޔަސް، ޖައްބާރުންގެ ލަޓިބުރިތަކުގެ އެތިފަހަރުތަކުގެ ދަށުގައި ވިޔަސް، އިންސާނީ ޝަރަފުގެ ނަމޫނާތައް ދައްކައިދިނުމަށް އެތައް ބަޔަކަށް ހިތްވަރު ލިބިދިނީ މި ދަންނަވާ ގުޅުމެވެ.

މި ދެންނެވި ގުޅުން ބިނާ ކުރާނީ ކިހިނެއްތޯއެވެ؟ އާދެ، ފުރަތަމަ ކަމަކީ ތެދުވެރި ގޮތުގައި ﷲގެ ރަސްކަންފުޅު މަޢުރިފާކޮށް ދަނެގަތުމެވެ.

އެކަލާނގެ ރަސްކަންފުޅާ މެދު ޢިލްމު ހޯދުމެވެ. ދެވަނަ ކަމަކީ އެކަލާނގެ ރަސްކަންފުޅަށް ލޯތްބާއި ކިޔަމަންތެރިކަމާއެކު އަޅުކަން ކުރުމެވެ. ނަމާދާއި ރޯދަ އާއި ދުޢާ ފަދަ އަޅުކަންތަކުގެ ޒަރީއާއިން އެކަލާނގެ ރަސްކަންފުޅާ ކުއްތަންވުމެވެ.

ފަސޭހައިގައްޔާއި ދަތީގައި، އެކަލާނގެއަށް ލޯބިކުރުމެވެ. ތިންވަނަ ކަމަކީ އިޙްސާންތެރިކަމުގެ މަގު އިޚްތިޔާރު ކުރުމެވެ. ނަފުސު ޠާހިރުކޮށް، މަތިވެރި އަޚްލާޤުގެ ގަހަނާއިން އެ ނަފުސު ޒީނަތްތެރި ކުރުމެވެ.

ﷲ ހެއްދެވި ކޮންމެ މަޚްލޫޤަކަށް އެކަލާނގެ ޙައްޤުފުޅަށް ޓަކައި ލޮބުވަތައި އޯގާވެރިވުމެވެ. ދެން، ހުތުރު ވެގެން ވީ އަދި ފާޙިޝް އެންމެހައި ފާފަތަކުން ދުރުހެލިވެގަތުމެވެ.

މި ގޮތްމަތީން ޢިލްމާއި، ރޫޙާނީ ޠާހިރުކަމާއި، އަޚްލާޤީ މަތިވެރިކަމުގެ މަގުގައި ތިމާ ކުރިޔަށް ދިޔަ ވަރަކަށް ﷲ އާއި ތިމާއާ ދެމެދުގެ ގުޅުން ގާތްވަމުން ވަރުގަދަވަމުން ދާނެއެވެ.

އެ ގުޅުމުގެ ސަބަބުން، މާއްދީ އެއްވެސް ކަމަކުން ނުލިބޭ ފަދަ ޠާހިރު އަދި މަތިވެރި އުފާވެރިކަމަކާއި ސުކޫނެއް އިންސާނާގެ ނަފުސާއި ހިތަށް ލިބޭނެއެވެ. 