ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ އަހަރު ތެރޭ 2،000 ކުދިންނަށް ޚިދުމަތް ދިނުމަށް އަމާޒުހިފައި ޙިފްޡް މަޝްރޫޢު ފުޅާކޮށްލަނީ

ދެ އަހަރު ތެރޭ 2،000 ކުދިންނަށް ޚިދުމަތް ދިނުމަށް އަމާޒުހިފައި ޙިފްޡް މަޝްރޫޢު ފުޅާކޮށްލަނީ

ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމް އިން 2021 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި އޮންލައިންކޮށް ހިންގަމުންދާ "ޙިފްޡް މަޝްރޫޢު" ގެ އައު ބުރަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަޝްރޫޢުގެ އިސް މުދައްރިސް އަޒްހީލް އަޙުމަދު ވިދާޅުވީ، މިހާތަނަށް މި މަޝްރޫޢުގައި 4000 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ބައިވެރިވާ ހުރިހާ ކުދިން އެއްކޮށް ޙިފްޡްކޮށް ނުނިންމި ކަމުގައިވީނަމަވެސް، މިއީ ވަރަށް ގިނަ ކުދިންގެ ޙިފްޡްކުރުމުގެ ބިންގާ އަޅައިދިން މަޝްރޫޢެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 2021 ވަނަ އަހަރުން ފެށިގެން ޙިފްޡްކޮށް ސަނަދު ހާސިލްކުރި ގިނަ ކުދިންނަކީ މި ޕްރޮގްރާމްގެ ކޮންމެވެސް ބައެއް ފުރިހަމަކޮށްފައިވާ ކުދިންނެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ސައިންޓިފިކް މެތަޑްތަކެއް ބޭނުންކޮށްގެން، ވަކި ތަރުތީބަކުން ރޭވުންތެރިކަމާއެކު އެކުލަވާލާފައިވާ މުޤައްރަރެއްގެ ދަށުންނެވެ. މިގޮތުން ފުރަތަމަ ދެލިގަނޑަށް ފަރިތަކޮށްދިނުމަށްފަހު، ހިތުން ދަސްކުރަން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އަޒްހީލް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ތިން ޓާސްކު ނިންމުމުން، ކުދިންނަށް ދަސްކުރުން ފަސޭހަވެ، އަމިއްލައަށް ނުވަތަ ފިޒިކަލް ކްލާސްތަކުގައި ބައިވެރިވެގެން ޙިފްޡް ނިންމުމަށް މަގުފަހިވެގެންދެއެވެ.

2028 ވަނަ އަހަރު އަންނައިރު 500 ޙާފިޡުން އުފެއްދުމަކީ ސަރުކާރުގެ އަމާޒަކަށްވާތީ، އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން މި މަޝްރޫޢު ފުޅާކުރުމަކީ ޖަމްޢިއްޔާގެ އަމިއްލަ އިސްނެގުމެކެވެ.

 "މިއީ ސަރުކާރުން ސްޕޮންސަރ ކުރާ ޕްރޮގްރާމެއް ނޫން. ނަމަވެސް އަޅުގަނޑުމެން ޕްރޮގްރާމް ހިންގާނީ މުޅިން ހިލޭ ސާބަހަށް. މިއީ އަޅުގަނޑުމެންގެ ޖަމްޢިއްޔާގެ މައިގަނޑު މަޤްސަދަކަށްވާތީ،"

އަޒްހީލް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ޖަމްޢިއްޔާގެ ފަރާތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖަމްޢިއްޔާގެ ގޫގުލް ފޯމު ފުރުއްވުމުން އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 2000 ކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
https://forms.gle/uySRNZ8dJZTJACyWA