ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެމްބަރު މައުރޫފާއި އެމްޑީޕީގެ އެކްޓިވިސްޓުންތަކަކަށް ދައުވާ ކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު އެކްޓިވިސްޓުންތަކަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި ފަރާތްތަކުގެ ތެރޭގައި މެންބަރު މައުރޫފް ޒާކިރުގެ އިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި އިތުރު ބަޔަކު ހިމެނެއެވެ. ފުލުހުން މި ފަރާތްތަކަށް ފޮނުވި ރަސްމީ ލިޔުމުގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު މިހާރު ނިންމާލާފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، 2023 އޮކްޓޫބަރު 3 ވަނަ ދުވަހު ބޭއްވި އެ މުޒާހަރާއަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، އެއްވުން ރޫޅާލުމަށް މަސައްކަތް ކުރި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުވެސް މި ފަރާތްތަކުގެ މައްޗަށް ވަނީ ކުރެވިފައެވެ. މި މުޒާހަރާގެ ތެރެއިން އޭރު ބައެއް މީހުން ހައްޔަރުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ދިރާސާ ކުރުމަށްފަހުގައެވެ.