ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި
ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރާ އެމްއޭސީއެލްއިން ބުނީ މި މަޝްރޫއުގެ ތެރެއިން ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކަންޖެހޭއިރު، ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ތެރެއިން 79 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައިކަމަށެވެ. އެއީ މުޅި މަސައްކަތުގެ 98 އިންސައްތަ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ނެވެ.
Ads by BMLވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެވެ. އަދި ވިލުފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. މި އެއާޕޯޓަކީ 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.
އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސްދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
Ads by MACL
