އިޒްރޭލުން އީރާނުގެ ދެ ސްކޫލަކަށް ބާރުގަދަ ހަމަލާތަކެއްދީ 50 އަށްވުރެ ގިނަ މީހުން މަރާލައިފި
އިޒްރޭލުން އީރާނުގެ ދެކުނުގެ ހޯރްމުޒްގާން ޕްރޮވިންސްގެ މިނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް ދިން ވަރުގަދަ ހަމަލާއެއްގައި މަދުވެގެން 53 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ބޮމުގެ ހަމަލާތަކުގައި އާންމުންނަށް ލިބެމުންދާ ގެއްލުންތައް މިހާރު ދަނީ އިތުރުވަމުންނެވެ.
އީރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ، އިރްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި ހަމަލާގައި 63 މީހަކު ޒަޚަމްވެފައިވާއިރު، އިމާރާތުގެ ކުނިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް މަސައްކަތްތެރިން އަދިވެސް ދަނީ ކުރަމުންނެވެ. މި ހަމަލާއަކީ އެމެރިކާ އާއި އިޒްރޭލާއި ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ހަމަލާގެ ފޮޓޯއެއް ހިއްސާކުރައްވައި، މި ހަމަލާގައި އަންހެން ކުދިންގެ ސްކޫލް ސުންނާފަތިވެ މައުސޫމް ތުއްތު ކުޑަކުދިން ތްކެއް މަރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ "އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޖަރީމާތަކަށް ރައްދު ނުދީ ދޫކޮށްނުލާނެ" ކަމަށެވެ. މީގެ އިތުރުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރިރަށް ތެހެރާންގެ އިރުމަތީގައި ހުންނަ ސްކޫލަކަށް އިސްރާއީލުން ދިން އެހެން ހަމަލާއެއްގައި މަދުވެގެން ދެ ދަރިވަރުން ވަނީ މަރުވެފައެވެ. ތެހެރާނުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ މުހައްމަދު ވަލް ބުނީ، މި ހަމަލާތަކުގެ ސަބަބުން، ހަމައެކަނި އަސްކަރީ އަމާޒުތަކަށް ހަމަލާދޭ ކަމަށް ބުނެ އެމެރިކާ އާއި އިސްރާއީލުން ދައްކާ ވާހަކަތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ ނުވަތަ އިޒްރޭލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޖޫން 2025 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި ވެސް އާންމުންގެ ގިނަ ބަޔަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ފަހަރުގެ 12 ދުވަހުގެ ހަނގުރާމައިގައި އެތައް ހާސް އާންމުންނެއް މަރުވެ، ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
Ads by MACL
