ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކީ ހަނގުރާމަ ކުރާ ބޯޓަކަށް ނުވެދާނެ!

ވެލާނާ އެއާޕޯޓަސް ޖެއްސި ކަމަށް ބުނާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު
ވެލާނާ އެއާޕޯޓަސް ޖެއްސި ކަމަށް ބުނާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު

އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މައި އެއާޕޯޓަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޖެއްސުމާ ގުޅިގެން، ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަދެކެވި، ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ވަކިން ހާއްސަކޮށް، ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، އަސްކަރީ ކޮންމެ ހަރަކާތަކީ ހަނގުރާމައަކާ ނުވަތަ ނުރައްކާތެރި ރޭވުމަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް، ހަގީގަތަކީ އެއާޕޯޓަށް ޖައްސާ ކޮންމެ އަސްކަރީ ބޯޓަކީ ހަނގުރާމައެއް ފެށުމަށް ނުވަތަ ހަނގުރާމަވެރި އޮޕަރޭޝަނެއް ހިންގަން އަންނަ ބޯޓަކަށް ނުވެދާނެކަމެވެ.
ބައިނަލްއަގުވާމީ އުސޫލުތަކަށް ބަލާއިރު، ގައުމުތަކުގެ މެދުގައި އޮންނަ ހާރިޖީ ގުޅުންތަކުގެ ތެރެއިން، އެކި ބޭނުންތަކަށް އަސްކަރީ މަތިންދާބޯޓުތައް ދަތުރުކުރުމަކީ އާންމު ކަމެކެވެ.

މީގެ ތެރޭގައި ތެޔޮ އެޅުމަށާއި، ފަންނީ މަރާމާތަށާއި، މުދާ އުފުލުމުގެ އިތުރުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ ރަސްމީ ދަތުރުތަކުގައި އިސްވެރިން އުފުލުމަށްވެސް އަސްކަރީ ބޯޓުފަހަރު ބޭނުންކުރެއެވެ. އިއްޔެ ރާއްޖެއަށް ޖެއްސި ބޯޓަކީވެސް މިފަދަ އިދާރީ ނުވަތަ ލޮޖިސްޓިކް ބޭނުމަކަށް ކުރި ދަތުރަކަށް ވުމީ އެކަށީގެންވާ ކަމެކެވެ.
އަޅުގަނޑުމެން ދަންނަންޖެހޭ ހަގީގަތަކީ، ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން ގިނަ ގައުމުތަކަކާ ގުޅުން ބާއްވާ ގައުމަކަށް ވީހިނދު، އެކި ގައުމުތަކުގެ ސަރުކާރުތަކަށް ނިސްބަތްވާ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ، ބަނދަރުކުރުމުގެ ހުއްދަ ދެވެނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.

އެހެންކަމުން، ސޯޝަލް މީޑިއާގައި ފެތުރޭ ކޮންމެ ވާހަކައަކަށް ބިނާކޮށް، ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިނގަނީ ކަމަށް ދެކުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަދެއްކުމުގެ ބަދަލުގައި، ކަމާބެހޭ ރަސްމީ އިދާރާތަކުން ދޭ މައުލޫމާތަށް އިތުބާރު ކުރުން މުހިންމެވެ. އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކީ ހަނގުރާމަވެރި އުޅަނދެއް ކަމަށް ދެކި، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިވެހި ސަރުކާރާއި ސަލާމަތީ ބާރުތަކުން އަބަދުވެސް ސާބިތުވެ ތިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މީގެ އިތުރުން، މިފަދަ ކަންކަމާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަކީ ހުރިހާ ގައުމުތަކަކާވެސް ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ގައުމަކަށް ވާއިރު، އަސްކަރީ އުޅަނދެއް ފެންނަ ކޮންމެ ފަހަރަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރުމަކީ އެހެން ގައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެދާނެ ކަމެކެވެ.

ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަދެގަންނަ ކަހަލަ ގޮތަކަށް އާންމުންގެ ވާހަކަތައް ބައްޓަންވުމަކީ، އަވަށްޓެރި ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި، ޒަމާނުއްސުރެ އޮތް ބަދަހި ގުޅުންތަކަށް ބުރޫއަރާފާނެ ކަމެކެވެ. ގައުމީ މަސްލަހަތު އިސްކޮށް، ކަމުގެ ހަގީގަތް ނޭނގި ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން ދައްކާ ވާހަކަތަކުން ގައުމަށް ލިބިދާނެ ގެއްލުމަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުވާންޖެހެއެވެ.

އެހެންކަމުން، އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކީ ހަނގުރާމަވެރި ބޯޓެއް ކަމަށް ދެކި، އެކަމުގެ ސަބަބުން ގައުމުގެ ޚާރިޖީ ސިޔާސަތަށާއި އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަކީ މިއަދު ގައުމީ ވާޖިބެކެވެ.