ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްލާމީ ޝަރީޢަތް ޤާއިމު ކުރުން

އިސްލާމީ ޝަރީޢަތް ޤާއިމު ކުރުން

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އިރާދަފުޅުން އިންސާނާ ޚަލްޤުކުރެއްވިއެވެ. އެކަލާނގެ އެ އިންސާނާ އަށް ދިރުމާއި ފުރާނަ ދެއްވިއެވެ. ބުއްދި ނުވަތަ ޢަޤްލު ދެއްވިއެވެ.

ހެޔޮނުބައި ވަކި ކޮށްދޭ އަލިކަމެއްގެ ގޮތުގައި އޭނާގެ ނަފުސުގައި ޒަމީރު ލެއްވިއެވެ. މި ގޮތްގޮތުން އިންސާނާ މާތް ކުރައްވައި ކަރާމާތްތެރި ކުރައްވައިފައި، އެކަލާނގެ ރަޙުމަތްޕުޅާއި ނިޢުމަތްތައް އިންސާނާގެ މައްޗަށް ފުރިހަމަ ކުރެއްވުމަށް ޓަކައި އިންސާނާ އުޅޭން ވީ ޙައްޤު ގޮތް ބަޔާން ކޮށްދެއްވިއެވެ.

އެ މަގަކީ އިސްލާމީ ޝަރީޢަތުގެ މަގެވެ. އެއީ ﷲ އިންސާނާ އަށް ދެއްވި ކަރާމާތާ އެކަށޭނަ ގޮތެއްގައި ދުނިޔޭގައި އުޅުމުގެ މަގެވެ. ކާމިޔާބާއި ފަލާޙާ ހަމަޔަށް އިންސާނާ އަށް ދެވޭން އޮތް މަގެވެ. ނަޞީބާއި ކާމިޔާބުގެ އައްސޭރި ހޯދުމަށް ޓަކައި ހިނގާން އޮތް މަގެވެ. ދިރުމާ ހަމަޔަށް އިންސާނާ އަށް ދެވޭން އޮތް މަގެވެ.

މި ޒަމާނަކީ އިންސާނާ އޭނާގެ ބުއްދި އަށް ފުރަގަސް ދީފައި، އޭނާގެ ޒަމީރު އަމިއްލަ އަތުން ކަތިލައިފައި، ލަޢުނަތް ލެއްވި އިބްލީސްގެ ބާޠިލު އަދި ފިތުނަވެރި ވަސްވާސްތަކުން ދައްކާ މަގުތަކަށް ތަބަޢަ ވުމުގައި ބާރުބާރަށް ދުވަމުން ދާ ޒަމާނެވެ. ހެވާއި ނުބައި ކަނޑައަޅާ އެންމެ މަތީ ފަނޑިޔާރަކީ ޚުދު ތިމާ ކަމަށް ދެކެ، އިންސާނާ ބޮޑާ ވެގެންފައި ވާ ޒަމާނެވެ.

ޣަފްލަތާއި ހެއްލުންތެރިކަމާއި މަގުފުރެދުމުގެ ފައިތަޅާޔަށް އިންސާނާ ވެއްޓެމުންދާ ޒަމާނެވެ. މިއަދު އަޅުގަނޑުމެން މުސްލިމުންގެ އެންމެ ބޮޑު ވާޖިބަކީ ދުނިޔެ ދައްކާ ދަޅަތަކަށް ނުހެއްލި، ދީނުގެ ހެޔޮ މަގުގައި ސާބިތު ވެތިބުމެވެ. ހުރިހައި ކަމެއް ވެސް ކީރިތި ﷲގެ ޝަރީޢަތާ އެއްގޮތަށް ގެންދިޔުމަށް މަސައްކަތްކުރުމެވެ. އަޅުގަނޑުމެންގެ ދައުލަތް ބިނާކުރުމުގައެވެ.

އަޅުގަނޑުމެންގެ ޢާއިލާތައް ބިނާކުރުމުގައެވެ. އެއްބަނޑުތިމާގެކަމާއި އަވަށްޓެރި އެކުވެރިކަމުގެ ދާއިރާގައެވެ. ޤައުމުގެ އިޤްތިޞާދީ ދާއިރާގައެވެ. މަސައްކަތްތެރިކަމުގެ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގައެވެ. މީޑިޔާ އާއި މުނިފޫހި ފިލުވުމުގެ ދާއިރާގައެވެ. އަޅުގަނޑުމެންގެ ވާޖިބަކީ މި ހުރިހައި ދާއިރާތަކެއްގައި ވެސް އަޅުގަނޑުމެންގެ މަގަކީ އިސްލާމީ ޝަރީޢަތް ކަމަށް ހެދުމެވެ.

މި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެ މީހަކުގެ ނަފުސުގެ މައްޗަށް އިސްލާމީ ޝަރީޢަތް ޤާއިމުކުރާ މީހަކަށް ވުމެވެ. އަމިއްލަ ނަފުސުގެ މައްޗަށް ޝަރީޢަތް ޤާއިމުކުރުމުގެ އެންމެ މުހިއްމު އަސާސަކީ ކީރިތި ﷲ މަޢުރިފާކޮށް ދެނެގަތުމެވެ.

އެކަލާނގެ ރަސްކަންފުޅާ ތިމާޔާ ދެމެދު އޮންނާން ވާ ރޫޙާނީ ގުޅުން ބިނާކުރުމެވެ. އިޙްސާންތެރިކަމުގެ މަގުގައި ހިނގައި، އިސްލާމް ދީނުގެ ރިވެތި އަޚްލާޤުން ތިމާގެ ނަފުސު ޠާހިރުކުރުމެވެ. އަޚްލާޤު ފުރިހަމަ ކުރުމެވެ.