ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއާއި އިޒްރޭލުގެ ފައުޖުތަކުން އީރާންގެ ދައުލަތުގެ ޓީވީ ހުންނަ މައި މަރުކަޒަށް ހަމަލާދީފި

ތެހެރާނުގައި ހުންނަ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ
ތެހެރާނުގައި ހުންނަ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ

އެމެރިކާއާއި އިޒްރޭލުން ގުޅިފައިވާ ފައުޖުތަކުން އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ (އައި.އާރު.އައި.ބީ) ގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ޕްރެސް ޓީވީން ރިޕޯޓްކޮށްފިއެވެ.

ނަމަވެސް، ޕާސް ޓުޑޭ އިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގެ ދައުލަތުގެ ޓީވީ ޗެނަލްތަކުގެ ފޮނުވުންތައް މެދުނުކެނޑި އާންމު ހާލަތެއްގައި ކުރިއަށްދެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތައް އީރާންގެ ދައުލަތުގެ ޓީވީ ޗެނަލްތައް ހުންނަ މައި މަރުކަޒަށް އަމާޒުވީ އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް ޔަހޫދީންނާއި އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކެއްގަ އެވެ. އެތަނަށް ހަމަލާތައް އަމާޒުވި ނަމަވެސް ބްރޯޑްކާސްޓިންގް މެދުކެނޑިގެން ނުދާކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. މި އޮޕަރޭޝަނުގެ ދަށުން އީރާނުގެ ހުޅަނގުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި، މިނާބް ސިޓީގައި ހުންނަ އެލިމެންޓަރީ ސްކޫލަކަށް ވެސް ވަނީ ހަމަލާދީ ކިޔަވާކުދިންތަކެއް މަރާލާފަ އެވެ.

މި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުންއެ ގައުމުގެ އަސްކަރިއްޔާގެ އިސް ލީޑަރުންތަކެއް ވަނީ ޝަހީދުވެފަ އެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދެމުންނެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.