ވޯލްޑް ކަޕަށް އެއްވެސް ނުރައްކަލެއް ނެތް، ސަލާމަތީ ކަންކަމާއި މެދު ފުރިހަމަ ޔަގީންކަން ދެން: މެކްސިކޯ ރައީސް ޝީންބައުމް
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މެކްސިކޯގައި ބޭއްވުމަށް ބޭނުންވާ ހުރިހާ ސަލާމަތީ ކަންކަމާއި ޔަގީންކަން އެބައޮތް ކަމަށް އެ ގައުމުގެ ރައީސް ކްލައުޑިއާ ޝީންބައުމް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މެކްސިކޯގެ އެންމެ ނުރައްކާތެރި ކާޓެލް ލީޑަރު މަރުވުމާ ގުޅިގެން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
މެކްސިކޯގެ އެންމެ ނުރައްކާތެރި ކާޓެލް ލީޑަރު ނެމެސިއޯ އޮސެގުއޭރާ، ނުވަތަ އެލް މެންޗޯ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި އޭނާ މަރުވުމާ ގުޅިގެން، ޖަލިސްކޯ ސްޓޭޓް ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި މަގުތައް ބަންދުކޮށް، ހުޅުޖެހުމާއި ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ނަމަވެސް، މި ހަމަނުޖެހުންތަކުގެ ސަބަބުން ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް އޮތްތޯ ސުވާލުކުރުމުން، ރައީސް ޝީންބައުމް ވިދާޅުވީ "އެއްވެސް ނުރައްކަލެއް ނެތް" ކަމަށެވެ.
ރައީސް ޝީންބައުމް އިތުރަށް ވިދާޅުވީ، ކާޓެލްގެ މެންބަރުން ދިން ހަމަލާތަކަށްފަހު މިހާރު ހާލަތު އާންމު ހާލަތަކަށް ރުޖޫއަވަމުންދާ ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ބައެއް މަގުތައް ބަންދުކޮށްފައި ހުރި ނަމަވެސް، ސަލާމަތީ ބާރުތަކުން ދަނީ އަމަންއަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެކްސިކޯގެ ކުރީގެ ރައީސް އެންޑްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ޝީންބައުމް ވިދާޅުވީ، ކުށްވެރިން ހައްޔަރުކުރުމުގެ ތެރޭގައި މިފަދަ ހާދިސާތައް ހިނގި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ހަނގުރާމަ ކުރުން ނޫން ކަމަށާއި، އަމާޒަކީ ސުލްހަ ގާއިމުކުރުން ކަމަށެވެ. ޝީންބައުމްގެ ސަރުކާރުން އިސްކަންދެނީ އަނިޔާވެރިކަމުގެ އަސްލު ސަބަބުތައް ނައްތާލުމަށެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ 104 މެޗުގެ ތެރެއިން 13 މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ. މީގެ ތެރެއިން ހަތަރު މެޗު ގުއަޑަލަޖާރާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މެކްސިކޯ ސިޓީ އަދި މޮންޓެރޭގައި ވެސް މެޗުތައް ކުރިއަށްދާނެއެވެ. މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން 11 ގައެވެ.
Ads by MACL
