ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރިހާ ކަމެއް ހާސިލްވަންދެން ހަނގުރާމަ ކުރާނަން: ޓްރަމްޕް

ހުރިހާ ކަމެއް ހާސިލްވަންދެން ހަނގުރާމަ ކުރާނަން: ޓްރަމްޕް

އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތަކުގެ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްވަންދެން އެ މަސައްކަތް ކުރިއަށްދާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

"ޓްރޫތް ސޯޝަލް" ގައި އާންމުކުރެއްވި ވީޑިއޯއެއްގައި ޓްރަމްޕް ވަނީ އެމެރިކާގެ ތިން ސިފައިން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވައި، މި ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އިތުރު ބަޔަކު މަރުވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ.

އީރާނަށް ދިން އަސްކަރީ ހަމަލާތަކުގައި އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ފަސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ޕެންޓަގަންއިން ހާމަކުރުމާ ގުޅިގެން "އެން.ބީ.ސީ ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އިތުރު މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، މި ހަރަކާތުގެ ނަތީޖާ މުޅި ދުނިޔެއަށް ވެސް ވަރަށް ފައިދާކުރާނެ ކަމަށެވެ.

އީރާނުގެ އެންމެ މަތީ ލީޑަރާއި ސަރުކާރާއި އަސްކަރިއްޔާގެ އިސް ގިނަ ބޭފުޅުންތަކެއް މަރުވެފައިވާ މި އޮޕަރޭޝަން ކުރިއަށްދަނީ ތާވަލްކުރެވިފައިވާ މުއްދަތަށްވުރެ ވެސް އަވަހަށް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނާއި އެމެރިކާގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.