މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ނުފުރި، ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވެ، ނުފުރި ތިބި ފަތުރުވެރިންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު އިތުރުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރުއަރާ ރާއްޖެއަށް ދަތުރުކުރާ ބައެއް ފްލައިތްތައް ކެންސަލްވުމާއި ގުޅިގެން ރާއްޖޭގައި މިވަގުތު ނުފުރި ތާށިވެފައި ތިބި ބައެއް ފަތުރުވެރިންނަށް ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމެއް ނެތުމުން އެފަރާތްތަކުގެ ޓުއަރިސްޓް ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންގެ ހާލު ބަލައި ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފްލައިޓްތައް ކެންސަލްވާން ފެށި ހިސާބުން ފަތުރުވެރިންނަށް އެމީހުން އަނބުރާ ރިސޯޓަށް ނުވަތަ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
Ads by BMLއަދި ބައެއް ފަތުރުވެރިން ބޭނުންވީ އިތުރަށް ޓިކެޓް ބަދަލު ކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން ކަމަށާއި، އެކަންކަންވެސް ފެސިލިޓޭޓް ކޮށްދީފައިވާއިރު އަނެއްބައި ފަތުރުވެރިން ބޭނުންވީ އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެންކަމަށްވުމުން އެ އިންތިޒާމަތައް ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހަމަޖައްސައިދިނެއެވެ.
މެދުއިރުމަތީގެ ވައިގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާއި ގުޅިގެން، ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ޤާއިމްކޮށްފައެވެ. އެމްއޭސީއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާގުޅިގެން 28 ފެބުރުވަރީގައި ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ. އަދި އިއްޔެ ވަނީ 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.
Ads by MACL
