ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއާ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް އެ ގައުމަށް ހައްގު ވާނެގޮތެއް ނެތް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ނިންމި ނިންމުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށާއި ރާއްޖެއާ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް އެ ގައުމަށް ހައްގު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން  ނިންމީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގަ އެވެ.

މޮރިޝަސްގެ ކެބިނެޓުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް، މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ކަރުދާހުގައި ވެ އެވެ.

މިކަމަށް އިޝާރަތް ކުރައްވައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއާ ގުޅުން ކަނޑާލަން މޮރިޝަސްއިން ނިންމި ނިންމުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށާއި އެ ނިންމުން އެގޮތަށް ނިންމުމަކުން ހަގީގަތް ބަދަލުނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއާ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް އެ ގައުމަށް ހައްގު ނުވާނެ ކަމަށާއި އެއްވެސް ގައުމަކާ ޗާގޯސް ހަވާލުކުރާ ނަމަ، ކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ފަރާތާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ އެއީ ރާއްޖެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އެ ފެކްޓް ބަދަލެއް ނުވާނެ ގައުމަކުން މި ގައުމާ ގުޅުން ކަނޑާލުމަކުން. މަޝްވަރާ ކުރުމެއް ނެތި އަމިއްލަފުޅަށް ނިންމުމެއް ނިންމީ ވަރަށް ނައިވް، ވަރަށް އިމެޗުއާ. ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށް ދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާ އެކީގަ،"

ރައީސް ޑރ މުހައްމަދު މުއިއްޒު

އިނގިރޭސި ވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން މަސައްކަތް ކުރުމަށް ރާއްޖޭން ތައްޔާރުވަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ދިވެހި ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ. ރާއްޖެއިން ގަބޫލުކުރާ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސަރަހައްދީ ހައްގުތައް، މޮރިޝަސް އިން ކުރާ ދައުވާ އަށް ވުރެ މާ ވަރުގަދަ އެވެ.

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އެއްވެސް ގައުމަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ރާއްޖެ އިން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައެއް ނެތަސް މިހާރު ސަރުކާރުން އަންނަނީ މިކަމުގައި ކުރެވެން ހުރި ކަންކަން ދިރާސާ ކުރަމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ފުރިހަމަ ގާނޫނީ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އަދި ބައިނަލްއަގުވާމީ ގާނޫނީ މާހިރުންނާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ދަނީ ކުރިއަށް ކަމަށް ސަރުކާރުން ބުނެ އެވެ.