ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލަކީ ޓެރަރިސްޓު ގައުމެއް - ރައީސް

އިސްރާއީލަކީ ޓެރަރިސްޓު ގައުމެއް - ރައީސް

މެދިއިރުމަތީގެ މަސްލަހަތު ނަގާލަމުން އަންނަ އިސްރާއީލަކީ ޓެރަރިސްޓު ގައުމެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ފެއްޓެވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.


އެގޮތުން މެދިއުރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމަލާތައް ދެމުންދާ ތިން ގައުމުގެ އަމަލުތައްވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އޭގެ ތެރެއިންވެސް އިސްރާއީލަކީ ޓެރަރިސްޓު ގައުމެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ހެއްކަކީ ފަލަސްތީނު ސުންނާފަތިކޮށްލާފައިވުން ކަމަށް ރައީސް ވިދާޅުވިއެވެ.


"އަޅުގަނޑު ވަރަށް ހަރުކަށިކޮށް ދަންނަވަމުން މިދަނީ، އެއީ(އިސްރާއީލަކީ) ޓެރަރިސްޓު ގައުމެއް ދެއްތޯ. ފަލަސްތީނު އެދަނީ ސުންނާފަތި ކުރަމުން" ރައީސް ވިދާޅުވިއެވެ.


މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމާގައި ރާއްޖޭގެ ސްޓޭންޑަކީ އަރަބި އިސްލާމީ ގައުމުތަކުގެވެސް ސްޓޭންޑު ކަމަށާއި އެޔަގީންކަން އަރަބި ގައުމުތަކުގެ ވެރީންނަށް ދެއްވާނެ ކަމަށެވެ.


އިރާނަކީ ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ގައުމެއް ކަމަށާއި އެބިރު މުޅި ދުނިޔެއަށް އޮތް ކަމަށް ބުނެ އިސްރާއީލާއި އެމެރިކާއިން ދުނިޔޭގެ ގާނޫނު ތަކާއި ހިލާފަށް އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ ހޮނިހިރު ދުވަހު ހެނދުނު އެވެ. އެގޮތުން މި ހަމަލާތަކުގައި އިރާނުގެ އިސް ލީޑަރު ޚާމަނާއީ އާއި އިރާނުގެ އަސްކަރީ ގިނަ ވެރިންތަކެއް އަވަހާރަކޮށްލާފައިވާއިރު މިކަން އިރާނުންވެސް އިއްޔެ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.