ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ މަސްރަހު ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް ފީފާއިން ބުނެފި

އީރާނުގެ މަސްރަހު ވަރަށް ގާތުން މޮނީޓަރ ކުރަމުންދާ ކަމަށް ފީފާއިން ބުނެފި

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ބުނެފިއެވެ.

އިޒްރޭލާއި އެމެރިކާއިން އިސްވެ ހަމަލާތައް ދެމުން ދާ އީރާނަކީ މި މުބާރާތަށް ކޮލިފައިވެފައިވާ ގައުމެއް ކަމަށްވާއިރު، އެ ގައުމުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް އެމެރިކާގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު އީރާނަށް މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. ޓްރަމްޕް މި ހަމަލާތައް ސިފަކުރައްވާފައިވަނީ "ބޮޑު އަސްކަރީ އޮޕަރޭޝަނެއް" ގެ ގޮތުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޑިސެމްބަރު މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޓްރަމްޕަށް ފީފާގެ ސުލްހައިގެ އިނާމް "ޕީސް ޕްރައިޒް" އަރުވާފައެވެ.

އޭޝިއާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި އީރާން ހިމެނެނީ ގްރޫޕް ޖީގަ އެވެ. މި ގްރޫޕްގައި އީރާނާ އެކު ދެން ހިމެނެނީ ބެލްޖިއަމް، ނިއުޒީލެންޑް އަދި މިސްރެވެ. އެމެރިކާއިން ދޭން ފެށި ހަމަލާތަކާ ގުޅިގެން ފީފާގެ ސެކްރެޓަރީ ޖެނެރަލް މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވީ، މަސްރަހު ބަދަލުވަމުންދާ ގޮތް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

ވޭލްސްގެ ކާޑިފްގައި ބޭއްވި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުގެ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގްރާފްސްޓްރޯމް ވިދާޅުވީ، އީރާނުގެ މައްސަލައާއި ގުޅިގެން ބައްދަލުވުމެއް ބޭއްވިކަމަށާއި މިކަމާ ބެހޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދެއްކުން އަދި މާ އަވަސް ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މިފަދަ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޮޝިންޓަންގައި ބޭއްވި ގުރުއަތުލުމުގައި ހުރިހާ ޓީމަކުން ބައިވެރިވިކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ފީފާގެ އެންމެ ބޮޑު އަމާޒަކީ ހުރިހާ ޓީމުތަކަކާއެކު ރައްކާތެރި މުބާރާތެއް ބޭއްވުން ކަމަށެވެ. އަދި މުބާރާތް ބާއްވާ ތިން ގައުމުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށާއި، ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތާވަލު ކުރެވިފައިވާ ގޮތުން، އީރާނުން ކުޅޭ ދެ މެޗެއް ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖޫން 26 ވަނަ ދުވަހު މިސްރާ ދެކޮޅަށް ކުޅޭ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ސިއެޓްލްގަ އެވެ. މި ހަމަލާތަކާ ގުޅިގެން މުބާރާތުގެ ސަލާމަތީ ކަންކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.