ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި ފުރަތަމަ ހަފުތާގައި ވެސް 1.3 މިލިޔަން ރުފިޔާ

ޒަކާތް ދެއްކުން ކުރިއަށްދަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތް ދެއްކުން ކުރިއަށްދަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި 1.3 މިލިޔަން ރުފިޔާ ފިޠުުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފި އެވެ.

 ޒަކާތު ހައުސްއިން ބުނީ ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1،374،481 ރުފިޔާ ލިބިފައިވާކަމަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުވެސް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ޒަކާތް ބަލައިގަންނަން ފަށާފައެވެ. އެގޮތުން އޮންލައިންކޮށް ވެސް ޒަކާތް ބަލައިގަންނަން ވަނީ ފަށާފަ އެވެ. އެގޮތުން އޮންލައިންކޮށް 7 ޕްލެޓްފޯމްއަކަށް ޒަކާތް ބަލައިގަނެއެވެ. އަދި އޮންލައިންކޮށާއި އިސްލާމީ މަރުކަޒަށާއި ރަށްރަށުގެ ކައުންސިލްތަކަށް ގޮސްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުންކުރާނީ އެ ކަމަށް ޓަކައި ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ފިޠުރު ޕޯޓަލްއެވެ.

ފިޠުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ވަޑައިގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުޢާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑުކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިޠުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެއެވެ. މީގެ އިތުރުން، ޞަދަޤާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

އާދައިގެ ހަނޑޫ: 12 ރުފިޔާ ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ ރަތް ހަނޑޫ: 96 ރުފިޔާ ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ އާދައިގެ ފުށް: 10 ރުފިޔާ އާޓާ ފުށް: 75 ރުފިޔާ

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ޙިޖުރައިން 2ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަޤީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިިދިޔަ އަހަރެކޭ އެއްގޮތަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް، މިއަހަރުވެސް އެއްހަމަޔަކުން ފިޠުރު ޒަކާތް ބެހުމަށް ބަނީ ނިންމާފައެވެ.