އިރާނުން ވޯލްޑް ކަޕްގައި ބައިވެރިވުމާ މެދު ސުވާލު އުފެދިއްޖެ
އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދެމުންދާ ކުއްލި ހަމަލާތަކާ ގުޅިގެން، އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި އެ ގައުމުގެ ގައުމީ ޓީމަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް، ކުޅިވަރު ޚަބަރުތައް ގެނެސްދޭ 'ވަރްޒޭޝް3' އަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ހަމަލާތަކަށްފަހު ވޯލްޑް ކަޕާ މެދު އުންމީދީ ނަޒަރަކުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިރާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދަނީ ސަރަހައްދީ ހަނގުރާމައެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުގެ މުސްތަގުބަލާ މެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާތައް އަދިވެސް ކުރިއަށް ގެންދާއިރު، މީގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ހިމެނޭ އިރާނުން ކުޅެން ހަމަޖެހިފައިވާ މެޗުތައް އޮތީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އެގޮތުން ޖޫން 15 ގައި ނިއުޒީލެންޑާ ދެކޮޅަށް، ޖޫން 21 ގައި ބެލްޖިއަމާ ދެކޮޅަށް އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މުބާރާތަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މުބާރާތެކެވެ.
މީގެ ކުރިންވެސް ޓްރަމްޕްގެ ސަރުކާރުން އެކުލަވާލި ދަތުރުފަތުރުގެ މަނާކުރުންތަކުގެ ދަށުން އިރާނުގެ ސަޕޯޓަރުން އެމެރިކާއަށް ވަނުން ވަނީ މަނާކޮށްފައެވެ. މިހާރު އުފެދިފައިވާ ހާލަތާ ގުޅިގެން ފީފާއިން ވަކި އެއްޗެއް ބުނެފައި ނުވިނަމަވެސް، އެ އިދާރާއިން ދަނީ ސަރަހައްދުގެ މަސްލަހަތު ވަރަށް ގާތުން ބަލަމުންނެވެ.
Ads by MACL
