ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރެއާލް މެޑްރިޑްގެ ތަރި ބްރަހީމް ޑިއާޒް އިސްލާމްވެއްޖެ

ބްރަހީމް ޑިއާޒް މޮރޮކޯ ގައުމީ ޓީމު ޖާޒީގައި. ފޮޓޯ: ބީބީސީ
ބްރަހީމް ޑިއާޒް މޮރޮކޯ ގައުމީ ޓީމު ޖާޒީގައި. ފޮޓޯ: ބީބީސީ

ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނަށް އުފަން ބްރަހީމް އަބްދުލްގާދިރު ޑިއާޒް އިސްލާމްދީން ގަބޫލުކޮށްފި އެވެ.

ޑިއާޒް އިސްލާމް ދީން ގަބޫލުކުރިކަން ކަށަވަރުކޮށްދީފައި ވަނީ މެޑްރިޑްގެ އެމް-30 މިސްކިތުގެ އިމާމް އާދިލް މުޙައްމަދު ހާސިމީ އެވެ.

އެމް-30 މިސްކިތުގެ އިމާމް އާދިލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބްރަހީމް ޑިއާޒް މިހާރު އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރާ ކަމަށާއި، އަދި ރަމަޟާން މަހުގެ ރޯދަ ވީއްލުމުގައި ވެސް އެ މިސްކިތުގެ މުސްލިމް މުޖުތަމައުއާއެކު ބައިވެރިވަމުން އަންނަ ކަމަށެވެ. މީގެ ކުރިން ބްރަހީމް ޑިއާޒް އަކީ އޭނާގެ މަންމަ ފަދައިން ކެތޮލިކް ކްރިސްޓިއަން ދީނަށް ތަބާވި މީހެކެވެ.

ބްރަހީމް ޑިއާޒް އިސްލާމްދީން ގަބޫލުކޮށްފައިވަނީ ވަރަށް ބޮޑު ފަހުރުވެރިކަމަކާއި ހިތްތިރިކަމާއެކުގައި ކަމަށް އިމާމް ބުންޏެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބިފައިވާއިރު، އޭނާގެ މި ނިންމުމަކީ އޭނާގެ ދިރިއުޅުމަށް އައި ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

ޑިއާޒްގެ މި ނިންމުމާއެކު އިސްލާމީ އުންމަތުގެ ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

1999 ވަނަ އަހަރު އުފަންވި އިބްރާހީމް ޑިއާޒް ނުވަތަ އާންމު ނަމުން ނަމަ ބްރަހީމް އަކީ ސްޕެއިންގެ ލަ ލީގާގެ ކްލަބް ރެއާލް މެޑްރިޑާއި މޮރޮކޯގެ ގައުމީ ޓީމަށް އެޓޭކިންގ މިޑްފީލްޑަރެއް ނުވަތަ ވިންގަރެއްގެ މަގާމަށް ކުޅޭ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ.

ބްރަހީމް އުފަންވީ ސްޕެއިންގެ މަލާގާއަށެވެ. އޭނާގެ މަންމައަކީ ސްޕެއިން މީހަކަށް ވާއިރު، ބައްޕައަކީ މޮރޮކޯގެ ރިފް ދަރިކޮޅުގެ މީހެކެވެ. އޭނާ ބޮޑުވީ މަލާގާގައި ނަމަވެސް، އުމުރުން 16 އަހަރުގައި މެންޗެސްޓަރ ސިޓީގެ ޔޫތު އެކަޑަމީއާ ގުޅުމަށްޓަކައި އޭނާ ވަނީ މެންޗެސްޓަރަށް ބަދަލުވެފައެވެ.

ބްރަހީމް އޭނާގެ ކްލަބް ކެރިއަރު ފެށީ އުފަން ގައުމުގެ ކްލަބް މަލާގާއިންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު، އުމުރުން 16 އަހަރުގައި، 200،000 ޕައުންޑުގެ ފީއަކަށް އޭނާ މެންޗެސްޓަރ ސިޓީއަށް ބަދަލުވިއެވެ. އޭނާ ރެއާލް އަށް ބަދަލުވީ 2019 ވަނަ އަހަރުގަ އެވެ.