އީރާނަށް ދޭ ހަމަލާތައް ފަސް ހަފުތާއަށްވުރެ އިތުރަށް ވެސް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެމެރިކާގެ އެބަހުރި: ޓްރަމްޕް
އީރާނަށް އަމާޒުކޮށްގެން އެމެރިކާއިން ދެމުންދާ ހަމަލާތައް ކުރިން އަންދާޒާކުރި ފަސް ހަފުތާގެ މުއްދަތަށްވުރެ މާ ގިނަ ދުވަހަށް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، އެންމެ ފުރަތަމަ އަންދާޒާކުރީ ހަތަރު ހަފުތާ ނުވަތަ ފަސް ހަފުތާގެ މުއްދަތަކަށް ނަމަވެސް، އެއަށްވުރެ މާ ގިނަ ދުވަހު މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އޭނާ މިކަމަށް ފޫހިވެދާނެ ކަމަށް ބުނި ނަމަވެސް، މިކަމުގައި ފޫހިކަމެއް ވަރުބަލިކަމެއް ނެތި ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ މަރުވި ހަތަރު އެމެރިކާ ރައްޔިތުންގެ ހަނދާނުގައި ކުރިއަށްގެންދާ މިޝަނެއްކަން ފާހަގަކުރައްވަމުން، ޓްރަމްޕް ވިދާޅުވީ ޓެރަރިސްޓް ނިޒާމަކުން އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިކުރާ ނުރައްކާތައް ނައްތާލުމަށް ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
Ads by BMLއެމެރިކާގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާކަން ފާހަގަކުރައްވައި، މި ކުރިމަތިލުމުގައި އެމެރިކާ ފަސޭހަކަމާއެކު ކާމިޔާބު ހޯދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިހާރުވެސް އޮޕަރޭޝަން ކުރިއަށްދަނީ ކުރިން އަންދާޒާކުރި ވަގުތަށްވުރެ މާ އަވަހަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން ޓްރަމްޕް ވިދާޅުވީ، މިކަމަށް ކޮންމެ ފަދަ ވަގުތެއް ހޭދަވި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރާނެ ކަމަށެވެ.
Ads by MACL
