ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނަށް ހަމަލާދިނުމަށް ފޯޅަވަހި އަސްކަރީ ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި

އިރާނަށް ހަމަލާދިނުމަށް ފޯޅަވަހި އަސްކަރީ ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި

އީރާނަށް އިޒްރޭލާއި އެމެރިކާއިން ދެމުން ގެންދާ ހަމަލާތަކުގައި، ޗާގޯސްގެ ޑިއެގޯ ގާސިއާ (ފޯޅަވަހި) ގެ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފިއެވެ.

މި ހުއްދަ އެމެރިކާއަށް ދީފައިވަނީ މިހާރުގެ އެތަނުގެ ހަވާލުވެރިން އިނގިރޭސީންނެވެ.

އަދި މި ހުއްދަ ދިނުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ދެއްވީ މާ ލަހުން ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އެމެރިކާއިން ކުއްޔަށް ނަގާފައިވާ ފޯޅަވަހީގެ އަސްކަރީބޭސް ފުރަތަމަ ބޭނުން ކުރުމުގެ ހުއްދަ ފުރަތަމަ ދިނުމަށް އިނގިރޭސި ބޮޑު ވަޒީރު ވަނީ ދެކޮޅު ހަދާފައެވެ.

ބީބީސީން މިއަދު ބުނި ގޮތުގައި އީރާނުގެ މިސައިލް ސައިޓްތަކަށް ހަމަލާ ދިނުމަށް އެމެރިކާ އިން ބޭނުންކުރާނީ އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން ގްލޫސެސްޓާޝަޔާގައި ހުންނަ އާރްއޭއެފް ފެއާފޯޑް އަދި އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު އިނގިރޭސި ވިލާތުން މޮރިޝަސް އަށް ދޭން ނިންމައި ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ފޯޅަވަހީގެ އަސްކަރީ މަރުކަޒު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ޓްރަމްޕު ކުރިން ވަނީ ފާޅުކުރައްވައިފަ އެވެ.

މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ފުރިހަމައެއް ނުވެ އެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ގަބޫލުކޮށް ދޫކޮށްލި ނަމަވެސް އެއްބަސްވެފައިވަނީ ޑިއެގޯ ގާސިއާ 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދޭށެވެ.