ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަވަށްޓެރި ގައުމުތަކަށް ހަމަލާނުދެން، އަހަރެމެން ހަމަލާދެނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް: އައްބާސް

އަވަށްޓެރި ގައުމުތަކަށް ހަމަލާނުދެން، އަހަރެމެން ހަމަލާދެނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް: އައްބާސް

މިއީ ގަލްފުގެ އަވަށްޓެރި ޤައުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމުގައި އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެ ޤައުމަކީ ސަރަޙައްދީ ޤައުމުތަކާއެކު ހަނގުރާމައެއްގެ ތެރޭގައި އޮތް ޤައުމެއް ނޫން ކަމަށެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން، އެމެރިކާއާއެކު ހަނގުރާމައެއްގެ ޙާލަތަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން، މެދުއިރުމަތީގެ ޤައުމުތަކުން އެމެރިކާއަށް ބާރުފޯރުވަން ޖެހޭނެ ކަމަށްވެސް އަރާގްޗީ ވިދާޅުވިއެވެ.
އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމަށްޓަކައި މަޝްވަރާތައް ކުރިއަށްދަނިކޮށް، އިސްރާއީލާއެކު އެމެރިކާއިން ވައިގެ މަގުން ޙަމަލާތައް ދީފައިވާތީ، އެމެރިކާއިން ޑިޕްލޮމެސީއަށް ނުވަތަ ޚާރިޖީ ގުޅުންތަކަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ނަމަވެސް، އެއީ އީރާނުން ޙަމަލާދިނުން ހުއްދަ އަމާޒުތަކެއް ކަމަށް އަރާގްޗީ އިޝާރާތްކުރެއްވިއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "އަހަރެމެން އަވަށްޓެރި ޤައުމުތަކަށް ޙަމަލާއެއް ނުދެން، އަހަރެމެން ޙަމަލާދެނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް،" ކަމަށެވެ. އަދި އެމެރިކާގެ ސިފައިން ހޮޓާތަކަށް ވަދެ ފިލި ނަމަވެސް، އެއީ އީރާނުގެ އަމާޒުފަތްގަނޑުތަކެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.