ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓަކަށް ބީއެމްއެލްގެ ސްވައިޕް

ބީއެމްއެލްގެ ސީއީއޯ ޝަރީފާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ އެެއްބަސްވުން ބަދަލުކުރައްވަނީ. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ ޝަރީފާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ އެެއްބަސްވުން ބަދަލުކުރައްވަނީ. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް، ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސްޓްރެޓިޖިކް އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މިއީ މިދިޔަ އަހަރު އެ ބޭންކާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނަޝިޕްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. މި ޕާޓްނަޝިޕްގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުމެވެ.

ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ ސައްތަ އިން ސައްތަ ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. މި ވޮލެޓް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭއިރު، ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ލިމިޓެޑް ރިލީޒަކާއެކު ބޭނުންކުރަން ފެށި ސްވައިޕްގެ މައިގަނޑު ފީޗާތަކުގެ ތެރޭގައި އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާކުރުމާއި، ކިއުއާރު ކޯޑް މެދުވެރިކޮށް ފައިސާ ދެއްކުން ހިމެނެއެވެ. މީގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވުމާއި، ޕޭމަންޓް ލިންކް ޝެއާކޮށްގެން ފަސޭހައިން ފައިސާ ޓޮޕްއަޕްކޮށް ނެގުމުގެ ހިދުމަތްވެސް މި ވޮލެޓުން ލިބިގެންދާނެއެވެ.