ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެ ތެލަކަށް ނުޖެހޭނެ، މަސައްކަތް ކުރަމުން މިދަނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން: ސައީދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މަސައްކަތްކުރަމުންދަނީ މެދުއިރުމައްޗަށް އަންނަ ލޮޅުމެއްގެ ސަބަބުން ތެލާއި ގޭހުގެ އަގަށް އަތުވެދާނެ ބަދަލުތަަކަށް ރިއާޔަތްކޮށްގެންކަމަށާއި، ނަތީޖާއެއްގެ ގޮތުން ރާއްޖެ ކުރިއަށް އޮތް ދުވަސްތަކުގައި ތެލަށް ނުޖެހޭނެ ކަމުގެ އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މެދުއިރުމަތީގައި ފެށިގެން ކުރިއަށްދާ ހަނގުރާމަ ހަތަރު ފަސް ހަފުތާއަށް ދެމިގެން ހިނގައިދާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވެފައިވާތީ، އިމްޕޯޓަށް އަސަރުނުކުރާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި އެއްވެސް ބާވަތެއްގެ ނުތަނަވަސްކަމެއް އުފެދިއްޖެނަމަ އެކަމުން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ އެއްކަމަކީ ތެލާއި ގޭސްފަދަ ބައެއް މުދަލުގެ އަގެވެ. މިފަދަ ހަނގުރާމައެއް ނުވަތަ ނުތަނަވަސްކަމަކުން އަސަރުކުރާނޭ ހުރިހާ އަގުތަކަކަށް މިފަހަރުވެސް އަސަރުކުރަމުންދާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ސަރުކާރުން މަސައްކަަތްކުރަމުން އަންނަނީ އެކަމަށް ރިއާޔަތްކޮށްގެން ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

ސަރުކާރުން އެކަމުގައި ބަލާ ނުވަތަ ރިއާޔަތްކުރާ ކަަންކަމުގެ ތެރޭގައި އަގަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކަށް ރިއާޔަތްކޮށް،، މިހާރު ތެލާއި ގޭސް ގަންނަ ބާޒާރު ނޫން އިތުރު ބާޒާރުތައް ހޯދުން ފަދަ މަސައްކަތްތައް ސަރކާރުން ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"މިހާލަތުގައި އެންމެ ވޯސް ކޭސްގައި އަޅުގަނޑުމެން ބަލާނީ ކޮން ދިމާލަކުންތޯ އަޅުގަނޑުމެންނަށް މި މުދާ ލިބޭނީ. އެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު މިދަނީ ކުރަމުން. އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އެއްވެސް ކަންބޮޑުވުމެއް ނެތް. ކުރުކޮށް ދަންނަވަންޏާ ތެލަކަށް ނުޖެހޭނެ،" ސައީދު ވިދާޅުވިއެވެ.

ތެލާއި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިސްނަވާކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންްނާއި ބިދޭސީ މަސައްކަތްތެރިންނާއި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކުރެވިގެން ތެލާއި ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރަށް ރާއްޖެއަށް ބޭނުންވާ މިފަދަ އަސާސީ މުދާ މެދުނުކެނޑި ރާއްޖެއާ ހަމައަށް ވާސިލުކުރެވޭނެ ގޮތްތަކަށް ސަރުކާރުން އިންތިޒާމުކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.