ޑޮލަރު ލިބުމުގަ އެއްވެސް ދަތިކަމެއް ނެތް، ރައީސްގެ ވައުދާއި އެއްގޮތަށް އެކަން ފުއްދައިފިން: ސައީދު
ރާއްޖެއަށް ޑޮލަރުގެ ތާށިކަމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ނަމަ އެކަން އެގޮތަށް ކުރިއަށްދާނެކަމުގެ ޔަގީން އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2024 ވަނަ އަހަރު ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށެވެ.
Ads by BMLއިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވުޒާރާއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މި ރަމަޟާން މަހު މުދާ އިމްޕޯޓު ކުރާ ފަރާތްކުން ޓީޓީ ހިފައިގެން ދިއުމުން ހަފްތާއަކު 1.2 މިލިއަން ޑޮލަރާ ހަމައަށް 15.42 ގެ ރޭޓުން ޑޮލަރު ދޫކުރަމުން އަންނަ ކަމަށެވެ.
"ރައީސް ވިދާޅުވި ގޮތަށް އެރެއިންޖުމަންޓުތައް ބޭންކު އޮފް މޯލްޑިވްސް އިން ވާނީ ހަމަޖައްސާދީފައި. އަދި ހަމަނުޖެހޭ ކަމެއް މުސްތަގުބަލުގަައި ހަމަޖެހެން އޮތް ކަމެއް އެ ވިދާޅުވާ ގޮތަކަށް ހަމަޖެހެމުން ދާނެ. އެ އޮތް ޑެޑްލައިންތަކަށް އިނގޭތޯ. އެއަކު ނެތް އެއްވެސް އިތުރު ކަންބޮޑުވުމެއް."
އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު
މިއަދާ ހަމައަށް މި ސަރުކާރުން ވައުދު ނުފުއްދާ ނޯންނާނެކަން ހާމަކުރައްވަމުން ސައީދު ވިދާޅުވީ މީހެ ކުރިން ވެސް ރައީސް ވެވަޑައިގެންނެވި ވައުދެއް ވެއްޖެއްޔާ އޮންނާނީ ފުއްދަވާފައި ކަމަށާއި މީގެ ކުރިން އެބޭފުޅުންގެ ސަރުކާރު އައިއިރުގައި ޑޮލަރު ދޫކުރި އަދަދުތަކަށް ވުރެ ވެސް ގިނައިން މި ސަރުކާރުން ޑޮލަރު ދޫކޮށްފައިވާނޭ ކަމަށެވެ،
ސައީދު ވިދާޅުވީ ހައްޖު އުމްރާއަށް ދަތުރުކުރާ ފަރާތްތަކަށް ވެސް މިހާރު ޑޮލަރު ދޫކުރާ އަދަދު ބޮޑުވާނެ ކަމަށާއި ދަރިވަރުންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ޑޮލަރު ލިބޭ މިހާރު އެބަހުރި ކަމަށެވެ.
ބޭރުފައިސާގެ ތާށިކަމާއެކު، ސަރުކާރުން ނިޒާމީ ގޮތެއްގައި ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމަށް ވަނީ ފަށާފަ އެވެ. މީގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތައްވެސް މި ބާޒާރަށް ބާރޯސާވުން ހުއްޓުވުމަކީ ސަރުކާރުގެ އަމާޒެކެވެ.
ސަރުކާރުން އަލަށް ތައާރަފުކުރި ބޭރު ފައިސާގެ ގާނޫނު ތަންފީޒު ކުރަން ފަށާފައިވަނީ މި ދިޔަ އަހަރު އެވެ.
މި ގާނޫނާއެކު ރާއްޖޭގެ ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުން ވެސް، ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން މާރުކަން ޖެހޭއިރު، އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭނަމަ އާމްދަނީ 20 އިންސައްތައަށް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ.
Ads by MACL
