ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަމާލެ ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގަ ކުރިޔަށް؛ 70 އިންސައްތަ މަސައްކަތް ނިންމާލައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ

ތިލަމާލެ ބުރިޖުގެ މުޅި މަޝްރޫގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ. ބްރިޖްގެ މަސައްކަތާ އެކުއެކީގައި، ހައިވޭތަކުގެ މަސައްކަތްވެސް ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.

ތިލަމާލެ ބުރިޖުގެ މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި ތަނބުތައް ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

ބްރިޖް ޑެކަށް ބޭނުންވާ 1222 ސެގްމަންޓްގެ ތެރެއިން މިހާތަނަށް 80 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ވަނީ ނިމިފައެވެ. އަދި ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ 46 އިންސއްތަ ސެގްމަންޓް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ. މިއާއެކު މާލޭގެ ހުޅަނގު ފަރާތުން މިހާރު ދަނީ ބުރިޖުގެ ސިފަ ފެންނަމުންނެވެ.

ދަތުރުފަތުރުގެ މި ލިންކް، ރަށްރަށް ހުރަސްކުރާނީ ކޯޒްވޭ ތަކަކުންނެވެ. އެގޮތުން ވިލިމާލެ އަދި ގުޅިފަޅުގައި ކޯޒްވޭ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މި ކަނެކްޓިވިޓީއަކީ 6.7 ކިލޯމީޓަރުގެ ދިގު މަގެކެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

ގުޅިފަޅުގައި މި މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ކޯޒްވޭގައި ތާރު އެޅުމުގެ ކުރިން، ކުރިއަށްގެންދާ ސަބް ބޭސްގެ މަސައްކަތެވެ.

އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖް ތިލަފުއްޓާ ގުޅޭ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާރޓްސް ހަރުކުރުމުގެ މަސައްކަތެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަކީ މިވަގުތު މާލެ ސަރަޙައްދުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަސައްކަތެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީއަށް މުހިންމު މަސައްކަތަކަށްވާއިރު، މަޝްރޫޢު އަވަސްކުރުމަށް ކޮންޓްރެކްޓަރާއެކު ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާރު ތާވަލުކޮށްފައިވާގޮތުން ބުރިޖު މާލެއިން ވިލިމާލެއަށް ގުޅާލެވޭނެކަމަށް އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވެއެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު އެގްރިމަންޓަށް އެކި ބަދަލުތައް ގެނައުމުގެ ސަބަބުން، ކޮންޓްރެކްޓަރަށް މަސައްކަތް ގެންދިއުމުގައި ދަތިތައްހުރިކަމަށެވެ. މިއީ ކޮންޓްރެކްޓަރޒިންމާވާންޖެހޭ ގޮތަށް އޭރު ގެނައި ބަދަލުތަކެއްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރާ އަދި ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް މަސައްކަތް އަވަސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން މިހާރު އަންދާޒާކުރާ ގޮތުގައި މުޅި މަޝްރޫޢު 2027ވަނަ އަހަރުގެ ނިޔަލަށް ނިމޭނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެ ކަމަށް ބުނެފައިވާއިރު، އެއީ 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.