ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގޮއިދުއަށް އުފާވެރިކަން؛ ދަނޑުވެރިކަމަށް އެ ރަށުގައި ޤާއިމްކުރި ފެސިލިޓީ ބޭނުންކުރަން ފަށަނީ

ވަޒީރު ޑރ.މަރިޔަމް މާރިޔާ، ފޮޓޯ: ރައީސް އޮފީސް
ވަޒީރު ޑރ.މަރިޔަމް މާރިޔާ، ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިކަމުން އުފައްދާ ތަކެތި އަގުއެއްކޮށްގެން ބާޒާރަށް ނެރުމަށް ށ.ގޮއިދޫގައި ޤާއިމްކޮށްފައިވާ ޚާއްސަ ފެސިލިޓީ މިއަހަރު ބޭނުންކުރަން ފައްޓަވާނޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަަކަށް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއެކު ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާއަތެއް ބިނާކުރުމުގެ އިތުރުން ޖަނަވާރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެވުޒާރާގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ، ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މާރިޔާ ވިދާޅުވީ ގޮއިދޫގައި ޤާއިމްކޮށްފައިވާ ޕްރޮސެސިން ފެސިލިޓީއަކީ ޔޫއެންޑީޕީން ޖަޕާނު ސަރުކާރުގެ އެހީއާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމަންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވެލޮޕްމަންޓް" ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ފެސިލިޓީގެ މަސައްކަތް ނިމި މެޝިނަރީސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި ފެސިލިޓީއަކީ ދަނޑުވެރިކަމުން އުފައްދާތަކެއްޗަށް އަގުއެއްކޮށްގެން، އިތުރު އުފެއްދުންތައް އުފެއްދުމަށް ޤާއިމްކުރާ ފެސިލިޓީއެއްކަމަށެވެ. މިފަދަ އުފެއްދުންތަކުގެ ސަބަބުން، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ވިއްކުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ފެސިލިޓީއާއެކު ގޮއިދޫގެ ދަނޑުވެރިން އުފައްދާ ތަކެއްޗައް ހަމައަގު ލިބި، އާމްދަނީ ލިބުމުގައި އިތުރު މަގުތައް ފަހިވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ށ.ގޮއިދޫގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ބަންދުކުރާ ފެސިލިޓީ ތަރައްޤީކުރަމުންދާއިރު، ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބިވެސް ށ. ގޮއިދޫގައެވެ.

މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓްފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު ސްކީމެކެވެ.