ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސައުދީން ގަލްފު ގައުމުތަކަށް: އަސްކަރީ ގޮތުން އީރާނާ ދެކޮޅަށް ނުނިކުންނާތި، ހޫޘީން ހަނގުރާމައިގެ ތެރެއަށް ވަދެދާނެ

ހޫތީންގެ ހަނގުރާމަވބެރިންތަކެއް. ފޮޓޯ: ދި ނިއު އަރަބް
ހޫތީންގެ ހަނގުރާމަވބެރިންތަކެއް. ފޮޓޯ: ދި ނިއު އަރަބް

އީރާނާ ދެކޮޅަށް ގަލްފުގެ އެއްވެސް ގައުމަކުން އަސްކަރީ ގޮތުން ބައިވެރިވެއްޖެނަމަ، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން މި ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވިދާނެ ކަމުގެ ބިރު އޮތް ކަމަށް ސައުދީ އަރަބިއްޔާއިން ގަބޫލުކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސައުދީގެ މަސްދަރުތަކުން ހާމަކުރާ ގޮތުގައި، މަސްލަހަތު ގޯސްވާ ކޮންމެ ދަނޑިވަޅެއްގެ ބޭނުން ހިފައި، ތެހެރާނުން އެމީހުންގެ ވަކީލު ގްރޫޕްތައް ނެރުމަށް ބަހަނާއަކަށް މިކަން ހަދާފާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ.

މި މައްސަލައާ ގުޅޭގޮތުން ހޫޘީންގެ މަންދޫބަކު ބުނީ، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބަލަން ދުނިޔެއަށް މަޑުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ޖަމާއަތުން ރައްދު ދޭނީ ކޮން އިރަކު އަދި ކިހިނެއްތޯ ކުރެވުނު ސުވާލުތަކަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހޫޘީން ރަތްކަނޑުގެ އުޅަނދުފަހަރަށާއި އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ސައުދީގެ ދިފާއީ އެނަލިސްޓް ހިޝާމް އަލްޣައްނާމް ވިދާޅުވީ، ހޫޘީން ހަނގުރާމައިގެ ތެރެއަށް ވަނަނުދިނުމަށްޓަކައި ސައުދީން މިހާރު ގެންގުޅޭ ސިޔާސަތު ދެމެހެއްޓުން މުހިންމު ކަމަށެވެ. މި ސިޔާސަތަކީ އީރާނަށް ހަމަލާދިނުމަށް އެމެރިކާ އާއި އިސްރާއީލުން ނިންމާ ނިންމުންތަކާ އެއްކޮޅުނުވުމެވެ.

ގަލްފް އިންޓަނޭޝަނަލް ފޯރަމްގެ ސައުދީ ރިސާޗަރެއް ކަމަށްވާ އަބްދުލްއަޒީޒް އަލްޣަޝިއާން ބުނި ގޮތުގައި، އީރާނަށް ހަމަލާދޭން ނިންމި ނިންމުމާ މެދު ސައުދީން ތިބީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އަދި އެ ހާލަތުން ބަރީއަވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެގައުމުން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. ސައުދީން މިހާރު މަސައްކަތް ކުރަމުންދަނީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށެވެ.

މީގެ ކުރިން ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން ވަނީ ސައުދީގެ ދިފާއީ ވަޒީރު އަމީރު ޚާލިދު ބިން ސަލްމާނާ ބައްދަލުކޮށް، އީރާނާ ދެކޮޅަށް ދީފާނެ ހަމަލާއެއްގައި އެމެރިކާއަށް ތާއީދުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. ނަމަވެސް، ސައުދީން އިސްކަންދެނީ ސަރަހައްދީ ހަމަޖެހުމަށާއި، ހޫޘީން ފަދަ ޖަމާއަތްތަކުން ދީފާނެ ހަމަލާތަކުން ރައްކާތެރިވުމަށް ކަމަށް އެ ގައުމުން ބުނެފައިވާ ކަމަށްވެ ބުނެ އެވެ.