ހަނގުރާމާއިގެ ސަބަބުން ޔޫއޭއީއަށް 2 ދުވަހުން 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް!
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަވެރި ހާލަތުގެ ސަބަބުން ސަރަހައްދީ ބޮޑެތި އިގްތިސާދުތަކަށް ދަނީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ. މިގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެންމެ ދެ ދުވަހުގެ ތެރޭގައި 5 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
ހަނގުރާމައިގެ ސަބަބުން އުފެދުނު ބިރުވެރިކަމާއެކު، އަބޫދާބީ އަދި ދުބާއީގެ ފައިނޭންޝަލް މާކެޓްތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އިންވެސްޓަރުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ބިލިއަނުން ޑޮލަރު މާކެޓުން ވަނީ ބޭރުވެފައެވެ.
ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ޔޫއޭއީގައި ކުރަން ހުރި އިންވެސްޓްމަންޓްތަކަށް މަޑުޖެހުމެއް އައިސް، ރިސްކް ބޮޑުވުމުގެ ސަބަބުން ބައެއް ފައިސާ އަނބުރާ ގެންދިއުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
Ads by BMLޔޫއޭއީއަކީ ދުނިޔޭގެ ދަތުރުފަތުރުގެ މަރުކަޒަކަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ މަގުތަކަށް ބަދަލު އައިސް، ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވުމަކީ ލިބުނު ބޮޑު މާލީ ގެއްލުމެއް ކަމަށް މާލީ އިދާރާތަކުން ހާމަ ކުރެއެވެ.
ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މިއީ ޔޫއޭއީ ފަދަ ތެލަށް ބަރޯސާވާ ގައުމަކަށް އާމްދަނީގެ ގޮތުންނާއި، ހަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.
ކަނޑުގެ މަގުން ކުރާ ވިޔަފާރިއާއި މުދާ އުފުލުމަށް ބޭނުންކުރާ މަގުތައް ބަންދުވުމުން ނުވަތަ ނުރައްކާވުމުން، މުދާ އެތެރެކުރުމުގެ ހަރަދު ބޮޑުވެ، ގައުމުގެ އިންފްލޭޝަން ރޭޓް މަތިވުމުގެ ފުރުސަތު އޮންނާނެއެވެ.
ސަރަހައްދީ ހަމަޖެހުން ނެތިއްޖެނަމަ، ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް (FDI) މަދުވެ، ގައުމުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި ގައުމުގެ ޖީޑީޕީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
ހަނގުރާމައިގެ ސަބަބުން ޔޫއޭއީގެ އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކަކީ ހަމައެކަނި މާލީ ގެއްލުންތަކެއް ނޫނެވެ. އެއީ މުޅި ސަރަހައްދުގެ އިގްތިސާދީ ދުވެއްޔަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ހަނގުރާމަ ހުއްޓި، ސަރަހައްދަށް ސުލްހަ އައުމަކީ އިގްތިސާދީ ދާއިރާ އަލުން އާރާސްތުކުރުމަށް އޮތް ހަމައެކަނި މަގެވެ.
Ads by MACL
