ވޯލްޑް ކަޕުން އީރާން ވަކިވެއްޖެ ނަމަ، ބަދަލުގައި އެހެން ޤައުމަކަށް ފުރުޞަތު ދޭން ފީފާއިން ތައްޔާރުވެއްޖެ
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުން އީރާން ވަކިވެއްޖެ ނަމަ ނުވަތަ މެޗުތައް ކުޅެވޭ ފަދަ ހާލަތެއްގައި ނެތް ނަމަ، އެ ޤައުމުގެ ބަދަލުގައި އެހެން ޤައުމަކަށް ފުރުޞަތު ދޭން ފީފާއިން ތައްޔާރުވެއްޖެ އެވެ.
އީރާން މުބާރާތުން ވަކިވެއްޖެ ނަމަ ދެން ކަންތައް ކުރާނެ ގޮތާއި ގުޅޭގޮތުން ފީފާއިން މިހާރު ވަނީ ބަޔާނެއް ވެސް ނެރެފައެވެ. ފީފާގެ ގަވައިދު ބުނާގޮތުން އީރާން މުބާރާތާއި ވަކިވެއްޖެ ނަމަ އެ ގައުމުގެ ބަދަލުގައި ދެ ގައުމަކަށް ފުރުސަތު ދިނުމުގެ ހައްގު ފީފާއަށް ލިބިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ރައްޔިތުންގެ ސަލާމަތަށްޓަކައި އީރާނަށް ހަމަލާދޭން ޖެހުނީ ކަމަށެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ ވަނީ އަވަހާރަވެފަ އެވެ.
Ads by BMLފީފާގެ ޖެނެރަލް ސެކްރެޓަރީ މަޓިއަސް ގްރާފްސްޓްރޯމް ވިދާޅުވީ، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތައް ފީފާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ފީފާގެ އަމާޒަކީ ހުރިހާ ޓީމުތަކަކާއެކު ރައްކާތެރި ވޯލްޑް ކަޕެއް ބޭއްވުން ކަމަށާއި އަދި ހޯސްޓް ކުރާ ތިން ޤައުމުގެ ސަރުކާރާއެކު މުއާމަލާތް ކުރަމުންދާނެ ކަމަށް ގްރާފްސްޓްރޯމް ވިދާޅުވިއެވެ.
ފީފާގެ ގަވާއިދު ބުނާގޮތުން ޓީމެއް މުބާރާތުން ވަކިވެއްޖެ ނަމަ، އެ ޓީމެއްގެ ބަދަލުގައި ހިމަނާނީ އެ ކޮންފެޑަރޭޝަނަކުން އެންމެ މަތިން ރޭންކް ކުރެވިފައިވާ، ނަމަވެސް ކޮލިފައި ނުވާ ޓީމެވެ. މި ހާލަތުގައި އީރާނުގެ ބަދަލުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އިރާގަށް ފުރުޞަތު ލިބުމުގެ ފުރުޞަތު ބޮޑެވެ.
ޔޫއޭއީ އަކީ އޭޝިއާ ގްރޫޕުން އީރާނުގެ ފަހަތުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫއޭއީގެ އެއާޕޯޓުތައް ބަންދުކޮށް، އެ ޤައުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަނެއްކޮޅުން އިރާގަކީ އިންޓަ-ކޮންފެޑަރޭޝަން ޕްލޭ-އޮފްގައި ކުޅުމަށް ހަމަޖެހިފައިވާ ޓީމެކެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އީރާން ހިމެނިފައިވަނީ ގްރޫޕް 'ޖީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމް، މިޞްރު އަދި ނިއުޒީލެންޑެވެ. މަޝްރަހު މިހާރު އޮތް ގޮތުން އީރާނަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
Ads by MACL
