އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އިތުރު ފުރުސަތެއް
އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ 3 ވޯޓު، މޮނިޓަރކޮށް އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައި ފުރުސަތު ހުޅުވާލައިފި އެވެ.
އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވަން ނިންމާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
މި އިންތިޚާބުތައް އޮބްޒާވްކޮށް މޮނީޓަރ ކުރަން ބޭނުންވާ ފަރާތަތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލާފައި އެވެ.
Ads by BMLއިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބުތަކާއި ވޯޓު އޮބްޒާވަރަކަށް އަދި މޮނީޓަރަށް ވާން އެދޭ ފަރާތްތަކަށް ފުރުސަތު މީގެ ކުރިން ހުޅުވާލީ މިދިޔަ މަހު 9 އިން 28 އަށެވެ. އެހެން ނަމަވެސް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މާދަމާ 15:00 އާއި ހަމައަށް މި ފުރުސަތު އިތުރުކޮށްފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
މި އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އިލެކްޝަންސް ކޮމުޝަނުން ވިދާޅުވީ، އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީގައި ނަން އޮތް ފަރާތްތަކަކަށް ވެގެންނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑަށް އިޤުރާރުވާންޖެހެނީވެސް އިލެކްޝަންސްގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ. މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށަހަޅާއިރު، އެ ފަރާތްތަކުގެ މަޢުލޫމާތުގެ އިތުރުން މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.
އޮބްޒާވަރުންނާއި މޮނިޓަރުން ހުށަހެޅޭނެ އަދަދުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ކަމަށެވެ. އަދި ޕާޓީތަކުން އަދި ޖަމިއްޔާތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށައަޅާ އަދަދު، ފޮށީގެ ޢަދަދަށްވުރެ %10 އިތުރުވެގެން ނުވާނެ ކަމަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް އަދި ޕޯޓަލްއިން އަންގާނެއެވެ. އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.
އަންނަ މަހު ބާއްވާ އިންތިޚާބުގައި ގިނަ އަދަދެއްގެ ފޮށި ބަހައްޓާއިރު އޮބްޒާވަރަކަށް ވުމަށާއި މޮނީޓަރަކަށް ވުމަށް ގިނަ އަދަދެއް ބަޔަކު ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބު މޮނިޓަރކުރުމަށް އެދި 3,091 ފަރާތަކުން ފޯމު ހުށަހެޅިއިރު އިންތިޚާބު އޮބްޒަރވުކުރުމަށް 1,477 ފަރާތަކުން ފޯމު ވަނީ ހުށަހަޅާފައެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
